ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާގެ ފުޓްބޯލް ސޯޝަލް ރެސްޕޯންސިބިލިޓީ ކޮމިޓީގެ މެންބަރުކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އެކްޒެކެޓިވް ކޮމިޓީގެ މެންބަރު ހައްވާ ނަސްރާ ސައީދު އައްޔަންކޮށްފިއެވެ.
ފީފާގެ ސޯޝަލް ރެސްޕޯންސިބިލިޓީ ކޮމިޓީއަކީ ތަފާތުކުރުންތައް ނައްތާލާ، އިންސާނީ ހައްގުތަކާ، އިޖުތިމައީ ހެޔޮ ބަދަލުތަކާ، ތިމާވެށީގެ މައްސަލަތައް ހައްލުކުރުމަށް މަސައްކަތް ކުރާ ކޮމިޓީއެވެ. މި ކޮމިޓީގައި ނަސްރާ އަދާކުރާ 4 އަހަރުގެ ދައުރު ހަމަވާނީ 2029 ވަނަ އަހަރަށެވެ.
އދ. މަހިނބަދޫއަށް ނިސްބަތްވާ ނަސްރާއަކީ ޓީޗަރެކެވެ. ނަސްރާ ވަނީ ތައުލީމީ ދާއިރާއިން މާސްޓާ ޑިގްރީ ހާސިލްކުރައްވާފައެވެ. އެފްއޭއެމްގެ ލީޑާޝިޕާ ނަސްރާ ގުޅިވަޑައިގަތީ، އެފްއޭއެމްގެ ރައީސް އަހުމަދު ތޯރިގު (ޓޮމް)ގެ ޓީމާއެކުގައެވެ.
ފީފާގެ ސޯޝަލް ރެސްޕޯންސިބިލިޓީ ކޮމިޓީގެ ޑެޕިއުޓީ ޗެއާޕާސަން އަކީ އާޖެންޓީނާގެ ލެޖެންޑަރީ ފުޓްބޯޅަ ތަރި، ޖަވިއޭ ޒަނެޓީއެވެ. މި ކޮމިޓީގެ ޗެއާޕާސަނަކީ މިޔަންމާގެ ޒޯޒޯ ކަމުގައިވާއިރު ދެން ކޮމިޓީގައި އާންމު މެންބަރުންގެ ގޮތުގައި، ނަސްރާ ހިމެނޭ ގޮތަށް، 20 މެންބަރުން ތިބެއެވެ.
