ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޖޭއެސްސީގެ މެންބަރު ކަމަށާއި އީސީގެ މެންބަރު ކަމަށް ބޭފުޅަކު އައްޔަންކުރައްވައިފިއެވެ.
އެގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަންގެ މެންބަރުކަމަށް އައްޔަންކޮށްފައިވަނީ ހައިކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން، އެ ކޯޓުން އިންތިހާބުކުރާ ފަނޑިޔާރެއްގެ ހައިސިއްޔަތުން ކ. ދިއްފުށި، ސްވީޓްމީޑް ހަސަން ޝަފީއުއެވެ.
ޝަފީއު ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް އައްޔަންކުރެއްވީ 4 އޮކްޓޯބަރު 2020 ގައެވެ. އޭނާ އެންމެ ފުރަތަމަ ފަނޑިޔާރުކަމުގެ މަގާމަށް އައްޔަން ކުރައްވާފައިވަނީ 27 އޮކްޓޫބަރު 2013 ގައެވެ. އެ ދުވަހު ޝަފީއު އައްޔަން ކުރެވުނީ ފެމިލީ ކޯޓުގެ ގާޒީ ކަމަށެވެ. އޭނާ ވަނީ މެލޭޝިޔާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަސިޓީން މާސްޓަސް އޮފް ކޮމްޕަރޭޓިވް ލޯ ހާސިލުކުރައްވާފައެވެ.
އަދި އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް އެމަނިކުފާނު އައްޔަން ކުރައްވާފައިވަނީ މ. ވޭވަށް، ކިނާރާ ރިފްއަތު އަބްދުﷲ އެވެ.
އީސީގެ ލީގަލް ޑިޕާޓްމަންޓުގެ ޑިރެކްޓަރުކަންވެސް ކުރިން ކުރައްވާފައިވާ ރިފްއަތު އެންމެ ފަހުން ހުންނެވީ، ހައްޖު ކޯޕަރޭޝަންގެ ލީގަލް ކައުންސެލްގެ މަގާމުގައެވެ. އީސީގެ މެންބަރު ކަމަށް ރިފްއަތު އައްޔަންކުރެއްވިއިރު، އެ ކޮމިޝަނުގެ މެންބަރެއް ކަމަށްވާ ޑރ. މުހައްމަދު ޒާހިރުގެ ދައުރު ހަމަވާތީ އެ ކޮމިޝަންގެ މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިދިޔަ ޖެނުއަރީ މަހު އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ދެ ބޭފުޅުންނަށްވެސް ހުވާލައިދެއްވީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު މުހައްމަދު ސަލީމްއެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ދެ ބޭފުޅުންނަށްވެސް މަގާމު ހަވާލު ކުރެއްވި ކަމުގެ ލިޔުން ހަވާލުކޮށްދެއްވާފައެވެ.
