ކައުންސިލްތައް ސަރުކާރު ޒިންމާދާރު ކުރުވަން ޖެހޭ ކަމަށް ބުނެ އިދިކޮޅުން ދަނީ ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވަމުން ކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގް ހަލީމް ވިދާޅުވިއެވެ.

ހަލީމް މިހެން އެދިވަޑައިެގންފައި ވަނީ، މިރޭ ޕީއެންސީން ގަލޮޅު ދެކުނު ކެމްޕެއިން ޖަގަހަ އިފްތިތާހް ކުރުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހަލީމް ވިދާޅުވީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައި ޒިންމާދާރު ކުރުވަން ޖެހޭ މާއްދާއެއް ނެތް ކަމަށެވެ. ނަމަވެސް އެ ގާނޫނުގައި މުހިއްމު ނުކުތާތަކެއް އެބަހުރި ކަން ފާހަގަކުރައްވައި އެ ނުކުތާތައް ހަލީމް ހިއްސާ ކުރެއްވިއެވެ. އެ ކަންކަން ހިއްސާ ކުރާ ސަބަބެއްގެ ގޮތުގައި ހަލީމް ފާހަގަކުރެއްވީ މަޖިލިސް މެންބަރުންނަށް އެ ގާނޫނު އެނގިވަޑައިގެން ކަމުގައި ވީ ނަމަވެސް ރައްޔިތުންނަށް އެ ކަންކަން ނޭނގޭތީ ރައްޔިތުންގެ ލޮލުގައި އިދިކޮޅު ފަރާތްތަކުން އަނދުން އަޅުވަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެގޮތުން އެ ގާނޫނުގެ ދެވަނަ މާއްދާގައިވާ ގޮތުގައި، ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިނގުމުގެ ބޭނުމަކީ ރާއްޖޭގެ އެކި ރަށެއްގައި ދިރިއުޅޭ ރައްޔިތުންގެ އެކި ކަންކަން ޑިމޮކްރާތީ އަދި ޖަވާބުދާރީ ވެނިވި އުސޫލަކުން ރައްޔިތުންނަށް އިޖުތިމާއ، އިގްތިސޯދީ އަދި ސަގާފީ ގޮތުން ދިރިއުޅުމުގެ ފެންވަރު މަތިކުރުން އެރަށްރަށުގައި އަމާން ވެއްޓެއް ގާއިމް ކުރުން ކަމަށް ހަލީމް ވިދާޅުވިއވެެ. މި މާއްދާގައި ކައުންސިލްތައް ޖަވާބުދާރީ ކުރުވަނީ ނޫން ކަމަށާއި ކައުންސިލްތައް ޖަވާބުދާރީ ވަނީ ކަމަށް ހަލީމް ވިދާޅުވިއެވެ.

އެހެންކަމުން މި މަގްސަދު ހާސިލް ކުރުމަށް ސަރުކާރާ އެކު ތިބި ކެންޑިޑޭޓުން ހޮވައިގެން މަސައްކަތް ކުރުމަކީ ޕީއެންސީގެ މަގްސަދު ކަމަށް ހަލީމް ވިދާޅުވިއެވެ. އެގޮތުން މާލެ ސަރަހައްދު ތަރައްގީ ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ކުރައްސަވާފައިވާ ތަސައްވަރު ހާސިލް ކުރެވޭނީ ސަރުކާރަށް ތާއީދު ކުރާ ކެންޑިޑޭޓުން ހޮވައިގެން ކަމަށް އޭނާ ވިދާޅުވިއެވެ.

ހަމައެއާއެކު އެ ގާނޫނު ގައި ސިޓީ ކައުންސިލްގެ ބާރުތައް ހިމަނާފައިވާ ބަޔަށް ބަލާލާއިރު، ވަރަށް ގިން ބާރުތަކެއް ދީފައިވާކަން ހަލީމް ފާހަގަކުރެއްވިއެވެ. ނަމަވެސް މި ބާރުތަކުގެ ތެރެއިން ވެސް ސިޓީ ކައުންސިލްތަކަށް ސަރުކާރު ޖަވާބުދާރީ ކުރުވަން ޖެހޭ ކަމަކަށް ގާނުޏޫގައި ބަޔާންކޮށްފައިވާތަން ފެނިވަޑައިނުގަންނަވާ ކަން ހަލީމް ފާހަގަކުރެއްވިއެވެ.

ސިޓީ ކައުންސިލްތަކަށް ދީފައިވާ ބާރުތަކުގެ ތެރޭގައި ހިމެނޭ ބައެއް ކަންކަން ފާހަގަކުރައްވަމުން ހަލީމް ވިދާޅުވީ، ތަރައްގީގެ އެކިއެކި މަޝްރޫއުތައް ރާވާ ހިންގުމުގައި މިނިސްޓްރީތަކަށް ރައްޔިތުންގެ ފަރާތުން ލަފައާއި މަޝްވަރާ ދިނުން ހިމެނޭ ކަމަށެވެ. ހަމައެއާއެކު މިނިސްޓްރީތަކުން ކައުންސިލްތަކުގައި ހިންގާ މަޝްރޫއުތައް ހިނގާނުހިނގާ ގޮތް ބެލުމާއި، އެހީތެރިވެދީ އެ މިނިސްޓްރީތަކަށް ޖަވާބުދާރީވެ، އެ މިނިސްޓްރީތަކުން ކަނޑައަޅާފައިވާ ގޮތަށް ގަވާއިދުން ރިޕޯޓް ހުށަހެޅުން ވެސް ހިމެނެއެވެ. މީގެ އިތުރުން ސަރުކާރުގެ ކަމާބެހޭ ވުޒާރާތަކުން ކަނޑައަޅާފައިވާ އުސޫލުތަކާއި ސިޔާސަތުތަކާ އެއްގޮތަށް ތަރައްގީގެ ހަރަކާތްތައް ހިންގުން ކަމަށް ވެސް ހަލީމް ފާޙަގަކުރެއްވިއެވެ.

މި އުސޫލުތަކަށް ބަލާލި ކަމުގައި ވިޔަސް ސަރުކާރާ އިދިކޮޅު ކައުންސިލްތަކަކުން މި މަސައްކަތްތައް ކުރާނެ ގޮތާ މެދު ހަލީމް ސުވާލު އުފެއްދެވިއެވެ. ސަރުކާރުން ރާވާ ހިންގަން ޕްލޭން ކޮށްފައިވާ މަޝްރޫއުތައް ހިންގޭނީ ސަރުކާރާ ގުޅިގެން މަސައްކަތް ކުރާނެ ކައުންސިލްތަކެއް އައިސްގެން ކަން ފާހަގަކުރައްވަމުން ހަލީމް ވިދާޅުވީ ޕީއެންސީގެ ކެންޑިޑޭޓުން އަދި މޭޔަރު ހޮވަން ޖެހޭ ސަބަބަކީ މިއީ ކަމަށެވެ.