ސަރުކާރާ އިދިކީލި ކައުންސިލްތަކެއް އުފެދިއްޖެނަމަ، މިގައުމަށް ކުރިއެރުން ގެންނަން ކުރަން ބޭނުންވާ ކަންކަން ކުރުމުގައި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭނެކަމަށް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެއެވެ.

މިރޭ، ވެރިކަން ކުރާ ޕީއެންސީގެ ގަލޮޅު ދެކުނު ކެމްޕެއިން ޖަގަހަ އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސްޕޯޓްސް މިނިސްޓަރު ވިދާޅުވީ ޕީއެންސީގެ ކެންޑިޑޭޓުން ހޮވަން މުހިންމީ، ރައްޔިތުންގެ ފައިދާއަށް ކަމަށެވެ. އަދި އިދިކޮޅު ބަޔަކު ހޮވައިގެން، ރީޔާސީ އިންތިހާބުގައި ވެފައިވާ ވައުދުތަކާ އެއްގޮތަށް، ކުރަން ހުރި މަސައްކަތް ކޮށް، މިގައުމަށް ކުރިއެރުން ގެންނަން ކުރަން ބޭނުންވާ މަސައްކަތް ކުރުމުގައި ދަތިކަން އިހުސާސް ވާނެ ކަމަށެވެ.

"އަޅުގަނޑުމެންނާ އިދިކީލި ކައުންސިލްތަކެއް ހުރެއްޖެއްޔާ، ރިޔާސީ އިންތިހާބުގަ އަޅުގަނޑުމެން އެ ކުރަން ބޭނުންވި ކަންތައްތައް، މިގައުމަށް ކުރިއެރުން ގެންނަން ބޭނުންވި ކަންތައްތައް ކުރުމުގަ އަޅުގަނޑުމެންނަށް އޭގެ ދަތިކަން އިހުސާސް ވާނެ."
އަބްދުﷲ ރާފިއު

ރާފިއު ވިދާޅުވީ، ޕީއެންސީއިން ގެންގުޅޭ ސިޔާސަތުތައް؛ ހަމަޖެހުން، ތަރައްގީ އަދި ރައްކާތެރިކަން ހާސިލު ކުރުމަށް އެންމެންވެސް ތިބީ އަތުގުޅާލައިގެން ކަމަށެވެ. އަދި މިސަރުކާރުން މިގައުމަށް ބޭނުންވާ ތަރައްގީ އާއި ތަމައްދުނު ގެނެވޭނީ، ޕީއެންސީގެ ކެންޑިޑޭޓުން ކާމިޔާބުކުރުމަށް އެއްބާރުލުން ދީގެންކަމަށް ވެސް ރާފިއު ވިދާޅުވިއެވެ. މިހެންކަމުން ޕީއެންސީގެ ކެންޑިޑޭޓުން ހޮވުމަށް ވަރަށް ފުންކޮށް ވިސްނުމަށް އޭނާ ގޮވާލެއްވިއެވެ.

ޕީއެންސީގެ ކެންޑިޑޭޓުންނަށް ތާއީދު ކުރުމުގެ މުހިންމު ކަމާ ބެހޭގޮތުން އިތުރަށް ވާހަކަ ދައްކަވަމުން ރާފިއު ވިދާޅުވީ، ޕީއެންސީގެ ކެންޑިޑޭޓުންނަކީ ވަރަށްވެސް އޯގާތެރި، ކަމޭހިތާ، މީހުންނާ ގާތް، އެކުވެރިކަމާއެކު މިހާތަނަށްވެސް މަސައްކަތް ކޮށްފައިވާ ފަރާތްތަކެއް ކަމަށާއި، އަދި އެކުގައި މަސައްކަތް ކުރެވޭނެކަން ސާބިތުކޮށްދީފައިވާ ފަރާތްތަކެއް ކަމަށެވެ.

ރާފިއު ވިދާޅުވީ، އިންތިހާބުގައި ހޮވަންވީ ސަރުކާރުން ހިންގާ މަޝްރޫއުތައް ހިންގުމަށާއި، މިގައުމަށް ކުރިއެރުން ގެންނަން އެއްބާރުލުން ދޭނެ ކެންޑިޑޭޓުންކަމަށެވެ. އަދި ޕީއެންސީގެ މެންބަރުންނަށް ދޭ ކޮންމެ ވޯޓަކީވެސް ބޭކާރުވެގެންދާނެ އެއްޗަކަށް ވެގެން ނުދާނެ ކަމަށާއި، މި އިން ކޮންމެ ވޯޓަކާއެކު، ވެފައިވާ ވައުދުތަކާއި އެއްގޮތަށް ގެންނަން ބޭނުންވާ ތަރައްގީ ހާސިލުކުރެވޭނެ ކަމަށެވެ.

މިރޭ، ވެރިކަން ކުރާ ޕީއެންސީގެ ގަލޮޅު ދެކުނު ކެމްޕެއިން ޖަގަހަ އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި، ދާއިރާގެ ކެންޑިޑޭޓުންނާއި، ސްޕޯޓްސް މިނިސްޓަރުގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުހައްމަދު އަދި ޕީއެންސީގެ ގިނަ މެމްބަރުން ބައިވެރިވެފައިވެއެވެ.