ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ، މި މީހުން ހައްޔަރުކޮށްފައި ވަނީ މަސްތުވާތަކެތި ގެންގުޅެ، އޭގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން، ޑްރަގް އެންފޯސްމަންޓާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ކަމަށެވެ.
އިއްޔެ ހިންގި މި އޮޕަރޭޝަނުގައި ދެ އުޅަނދެއް ބަލައި ފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ތުހުމަތުކުރެވޭ ތިން ކިލޯއަށް ވުރެ ގިނަ ތަކެތި ފެނިފައިވާއިރު މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ބަނގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ހަނީފް (36އ) އާއި، ގއ. މާމެންދޫ، ފިޔާތޮށިވިލާ، އަޒުހަދު ނަސީމް (28އ) އެވެ.
މި ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ހަނީފް 5 ދުވަހަށް އަދި އަޒުހަދު ނަސީމް 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
