ކޮންމެ މީހަކީވެސް ކޮންމެވެސް ދާއިރާއަކުން ކުރިއަށް ދިއުމުގެ ހުވަފެންތަކެއް ދެކޭނެ މީހެކެވެ. ދިވެހިރާއްޖޭގެ މިއަދުގެ މުޖުތަމައަށް ބަލާއިރު ތަފާތު އެކި ފަންނުތަކުން ޒުވާނުން ނުކުމެ އެމީހުންގެ ހުނަރު ދައްކަމުންދާކަމީ އުފާކުރަންޖެހޭ ކަމެކެވެ. މިގޮތުން މޭކަޕް ކުރުމުގެ ދާއިރާއަކީ ފަހަކަށް އައިސް ގިނަ އަދަދެއްގެ އަންހެން ކުދިންތަކެއް ވަދެ ބޮޑެތި ކާމިޔާބީތަކެއް ހާސިލުކުރަމުންދާ ފާހަގަކޮށްލެވޭ ދާއިރާއެކެވެ.
އެހެންކަމުން މި ރޯދަމަހަށް ހާއްސަކޮށްގެން "ދަ ޕްރެސް"ގެ މީހުން ސެގްމެންޓުގައި މިއަދު މި ގެނެސްދެނީ މި ދާއިރާގައި ފައިތިލަ ސާބިތުކޮށް ކުރިއަރަމުން އަންނަ ޒުވާން އަންހެން ކުއްޖެއްގެ ވާހަކައެވެ.
ކޮންމެ ކާމިޔާބު މަސައްކަތެއްގެވެސް ފެށުމަކީ އެކަމަކަށް ހުންނަ ޝައުގުވެރިކަމެވެ. އެގޮތުން މި ދާއިރާގައި ކުރިއަރަމުން އަންނަ 21 އަހަރުގެ ޒުވާން ފަންނާނު އައިޝަތު ލަޔާލް އާތިފްވެސް ކުޑައިރުންސުރެ މޭކަޕް ކުރުމުގެ ދާއިރާއަށް ޝައުގުވެރިކަން ހުރެއެވެ. ލަޔާލް ކިޔައިދިން ގޮތުގައި އޭނާ މި މަސައްކަތުގެ ތެރެއަށް ވަދެފައިވަނީ އަމިއްލަ އަށް މޭކަޕް ކުރާ މޮޅެތި މީހުންގެ ޔޫޓިއުބް ވީޑިއޯތަކާއި ވްލޮގްތައް ބަލައިގެންނެވެ.
މި ވީޑިއޯތަކަށް ހިތުގައި ހާއްސަ ލޮތްބެއް ޖެހި މިފަދަ މަސައްކަތެއް ފެށުމަށް ޝައުގުވެރިވި ލަޔާލް ދެން ފެށީ މޭކަޕް ޓިއުޓޯރިއަލް ވީޑިއޯތައް ބަލާ އަމިއްލައަށް މޭކަޕް ކުރުމަށް ދަސްކުރުމަށެވެ. ލަޔާލް ބުނި ގޮތުގައި މޭކަޕް ކުރުމަށް ހާއްސަކޮށް އެއްވެސް ކޯހެއް ހަދާފައެއް ނުވާނެއެވެ.
ދާއިރާގައި ލިބުނު އެންމެ ބޮޑު ކާމިޔާބީ
ލަޔާލް ފާހަގަކުރާ ގޮތުގައި ރާއްޖޭގެ ބޮޑެތި އިވެންޓުތަކުގައި އެކި އެކި ފަރާތްތަކަށް ލަޔާލް ވަނީ މޭކަޕް ކޮށްދީފައެވެ. އަދި މިފަދަ ތަފާތު ގިނަ ކްލަޔަޓުން ލިބުމަކީ ލިބޭ އެންމެ ބޮޑު ކާމިޔާބީ ކަމުގައި ލަޔާލް ބުނެއެވެ. ލަޔާލް ބުނިގޮތުގައި އެއްފަހަރަށް ވުރެ ގިނައިން އެއް ކްލަޔަންޓުން އައުމަކީ ލަޔާލްގެ މޭކަޕާމެދު އެ ފަރާތްތަކުން ހިތްހަމަޖެހޭކަން ހާމަވާ ކަމެކެވެ. އަދި މިއީ ދާއިރާގައި ކުރިއަށް ދިއުމަށް ލިބޭ ބޮޑު ހިތްވަރަކަށް ލަޔާލް އަށް ވަނީ ވެފައެވެ.
ލަޔާލް ބުނި ގޮތުގައި ތަފާތު އެކި މޭކަޕްތައް ކުރުމަށް މާލޭގެ އިތުރުން ރާއްޖޭގެ އެކި ރަށްރަށަށާއި، ރިސޯޓުތަކަށްވެސް ލަޔާލް ދަތުރުކުރެއެވެ. މަހެއްގެ މައްޗަށް 15 ވަރަކަށް ކްލަޔަންޓުންގެ މޭކަޕް ކުރާކަން ފާހަގަކޮށް ލަޔާލް ބުނީ ލަޔާލްގެ މޭކަޕް ތަކާމެދު ކްލަޔަންޓުން ދޭ ޕޮޒިޓިވް ކޮމެންޓުތަކަކީ ލިބޭ އެންމެ ބޮޑު ހިންހަމަޖެހުން ކަމަށެވެ.
ދާއިރާގައި ދިމާވާ އެންމެ ބޮޑު ގޮންޖެހުން
ލަޔާލް ފާހަގަކުރާ ގޮތުގައި ބައެއް ފަހަރު މޭކަޕް ކުރުމަށް މާލެއާއި ވަރަށް ދުރު ރަށްތަކަށް ދަތުރު ކުރަން ޖެހެއެވެ. މިފަދަ ދިގު ދަތުރުތައް ކަނޑުމަތީ އެކަނި ކުރަން ޖެހުމަކީ ދިމާވާ ބޮޑު ގޮންޖެހުމެކެވެ.
ލަޔާލް ބުނި ގޮތުގައި މި ދާއިރާގައި ކުރިއަށް ދިއުމަށް މަންމައާއި އާއިލާގެ އިތުރުން ރައްޓެހިންގެ ފަރާތުން ބޮޑު ހިތްވަރަކާއި އެހީތެރިކަމެއް ލިބެއެވެ.
މިދާއިރާއިން ކުރިއަށް ދާން ބޭނުންވާ ފަރާތްތަކަށް ލަޔާލްގެ ހާއްސަ މެސެޖެއް
ލަޔާލް ބުނި ގޮތުގައި މޭކަޕް އާޓިސްޓަކަށް ވާން ބޭނުންނަމަ މީހުންގެ އިހުސާސްތައް ދަންނަ މީހަކަށް ވުމަކީ މުހިންމު ކަމެކެވެ. ހަމައެކަނި މޭކަޕް ކުރަން ގެންގުޅޭ ތަފާތު ބާވަތްތަކުގެ އިނގުމަކުން ނުފުދެއެވެ. މީހެއްގެ ގުދުރަތީ ރީތިކަން ގެއްލުވައިނުލާ، އެ ރީތިކަން އިތުރަށް ފުރިހަމަކޮށްދިނުމަކީ ލަޔާލްގެެ މަސައްކަތުގެ އެންމެ ހާއްސަ ސިފައެވެ. އަދި ކްލަޔަންޓުންނާ ބާއްވާ ގާތް ގުޅުމާ ދޭ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ކުރާ މަސައްކަތަކީ ލަޔާލްގެ މަގުބޫލުކަން އިތުރުވަމުންދާ ސަބަބެކެވެ. ލަޔާލް ބުނި ގޮތުގައި ދާއިރާގައި ކުރިއަށް ދިއުމަށް އެހެން މީހުންގެ މަސައްކަތްތަކާއި އަމިއްލަ މަސައްކަތް އަޅާ ކިޔުމުގެ އުސޫލު ދޫކޮށްލަން ޖެހެއެވެ.
މިއަދު ލަޔާލްގެ އަމާޒަކީ ހަމައެކަނި މޭކަޕް ކޮށްދިނުމެއް ނޫނެވެ. އޭނާ ބޭނުންވަނީ މި ދާއިރާއަށް ޝައުގުވެރިވާ އެހެން ޒުވާން އަންހެން ކުދިންނަށް މަގުދައްކައިދޭ މީހަކަށް ވުމަށެވެ. އަމިއްލަ ސްޓޫޑިއޯއެއް ހުޅުވާ މި މަސައްކަތް އިތުރަށް ފުޅާކުރުމަކީ ލަޔާލް ދެކޭ ހުވަފެނެކެވެ.
އަދުގެ ޓެކްނޮލޮޖީގެ ދުނިޔޭގައި ސޯޝަލް މީޑިއާއަކީ ހުނަރުވެރިންނަށް ލިބިފައިވާ ވަރުގަދަ ހަތިޔާރެކެވެ. ލަޔާލްވެސް އޭނާގެ މަސައްކަތްތައް ފުޅާކުރުމަށްޓަކައި އިންސްޓަގްރާމް ފަދަ ވަސީލަތްތަކުގެ ބޭނުން ދަނީ ހިފަމުންނެވެ. އެގޮތުން ލަޔާލް ކުރާ މޭކަޕްތަކުގެ ފޮޓޯއާއި ވީޑިއޯތައް ހިއްސާކުރަން ފެށުމާއެކު ގިނަ ބައެއްގެ ސަމާލުކަން އޭނާއަށް ވަނީ ލިބިފައެވެ. އިންސްޓަގްރާމުގައި ލަޔާލްގެ މޭކަޕް ޕޭޖު ކަމަށްވާ "މޭކަޕް ބައި ލަޔާލް" އަށް ބަލާލުމުން އޭނާގެ ހުނަރުވެރިކަން ހާމަވެގެން ދެއެވެ.
ކޮންމެ ދާއިރާއަކުން ކުރިއަށް ދިޔަ ނަމަވެސް ކާމިޔާބީގެ އަސާސަކީ ބުރަ މަސައްކަތާ އިހުލާސްތެރިކަމާ އަދި އަހުލާގީ ރީތި ސިފަތަކެވެ. މޭކަޕް ދާއިރާގައި ފިޔަޖަހަމުންދާ ލަޔާލް އަކީ މިއަދުގެ ޒުވާނުންނަށް ހުރި ނަމޫނާއެކެވެ. އޭނާގެ ހިތްވަރާއި މިންނެތް މަސައްކަތުން ދައްކުވައިދެނީ އުންމީދާއެކު ކުރިއަށްދާނަމަ ކާމިޔާބީއަކީ އަތްފޯރާ ފަށުގައިވާ އެއްޗެއް ކަމެވެ.
