އިންޑިއާގެ ގައުމީ އެއާލައިން، އެއާ އިންޑިއާއިން ދިވެހިރާއްޖެއަށް ދަތުރުތައް ފެށިތާ 50 އަހަރު ފުރުން ފާހަގަކޮށްފިއެވެ.

މިކަމާ ގުޅިގެން ނެރުނު ބަޔާނެއްގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނީ އެއާ އިންޑިއާއިން ދިވެހިރާއްޖެއަށް ދަތުރުތައް ފެށިތާ 50 އަހަރު ފުރުން މިއަދު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)އިން ކުލަގަދަކޮށް ފާހަގަކޮށްފައިވާ ކަމަށެވެ.

އެގޮތުން މިއީ ދިވެހިރާއްޖެއަށް ބައިނަލްއަގުވާމީ ވައިގެ ދަތުރުފަތުރުގެ ގުޅުން ގާއިމުކުރި އިންޑިއާގެ ފުރަތަމަ އެއާލައިންކަން ފާހަގަކޮށް އެމްއޭސީއެލް އިން ބުނީ މި މުނާސަބާ ފާހަގަކުރުމުގެ ގޮތުން މިއަދު ރާއްޖެ އައި އެއާ އިންޑިއާގެ ފްލައިޓަށް ވޯޓާ ސަލިއުޓެއް އަރުވާފައިވާކަމަށެވެ.

އެމްއޭސީއެލް އިން ބުނީ މި ފްލައިޓުން މިއަދު ޖުމްލަ 139 ފަސިންޖަރުން ރާއްޖެއަށް ދަތުރުކޮށްފައިވާކަމަށާއިމ، މި ފްލައިޓުން ރާއްޖެ އައި ހުރިހާ ފަސިންޖަރުންނަށް މަރުޙަބާ ކިޔުމުގެ ގޮތުން ފިނިފެންމަލާއި ކުކީޒްވެސް ދީފައިވާކަމަށެވެ.

މިއީ އެއާ އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ގާތް ގުޅުން ރަމްޒު ކޮށްދިނުމުގެ ގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް އިން ކުރިއަށް ގެންދިޔަ ހާއްސަ ހަރަކާތެއް ކަމަށް އެމްއޭސީއެލް އިން ވަނީ ބުނެފައެވެ.

އެއާ އިންޑިއާއިން ރާއްޖެއަށް އެންމެ ފުރަތަމަ ދަތުރުތައް ފަށާފައިވަނީ 21 ފެބްރުއަރީ 1976 ގައެވެ.