ރައީސް ޑރ. މުހައްމަދު މުއިއްޒު ނޮވެމްބަރު 17، 2023 ގައި ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު 15 ދުވަހުގެ ކާބޯތަކެތި ނުވަތަ ކާޑުގެ ބާވަތްތައް ގަންނާނެ ފައިސާ ވެސް ރާއްޖޭގެ ރިޒާވުގައި ނެތްކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ޕީއެންސީގެ މާފަންނު އުތުރު ދާއިރާގެ ކެމްޕެެއިން ޖަގަހަ ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ވަނީ އިދިކޮޅު އެމްޑީޕީއަށް ވަރަށް ބޮަޑަށް ފާޑުވިދާޅުވެފައެވެ. އެގޮތުން ސައީދު ވިދާޅުވީ ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ކާމިޔާބު ކުރަން އިދިކޮޅު އެމްޑީޕީން މަސައްކަތް ކުރާއިރު އެއީ އިގުތިސާދު ފުންވަޅުގަނޑަކަށް ވައްޓާލި މީހުން ކަމަށެވެ.

އެމްޑީޕީގެ އިސް ސަފުން އަދިވެސް ފެންނަނީ އޭރު އިގުތިސާދަށް ގެއްލުން ދިން ބޭފުޅުންކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ އެމްޑީޕީގެ ވެރިކަމުގައި ސޮވަރިން ޑިވެލޮޕްމަންޓު ފަންޑުގައި ހުރި 200 މިލިއަން ޑޮލަރު 2 މިލިއަން ޑޮލަރަށް ދަށްކުރީ އެ ޕާޓީން ކަމަށެވެ.

އެމްޑީޕީން އަނެއްކާވެސް އައިސް ކަންތައްކުރާނީ އެ ޕާޓީން މީގެ ކުރިންވެސް ކަންތައްތައް ކޮށްފައިވާ ގޮތަށް ކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ އެ ޕާޓީގައި އާ ވިސްނުމެއް ނެތް ކަމަށެވެ. އަދި މިހާ ހިސާބަށް ކެމްޕެއިން ދިޔައިރު ޖަގަހައެއްގައި ކެމްޕެއިން ޖަލްސާއެއް ނުބެއްވުނުތާ އާ ގޮތެއް ކިޔައި ނުދެވޭކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

އިތުރަށް މިނިސްޓަރު ވިދާޅުވީ އެމްޑީޕީން ކުރާ ކަމަކީ ހަތަރެއް ނުވަތަ ފަސް ބަޔަކަށް ބެހިގެން ތިބެ 2028 ގެ ރިޔާސީ އިންތިހާބަށް އެ ޕާޓީން ނެރޭނެ ކެންޑިޑޭޓެއްގެ ވާހަކަ ދެއްކުން ކަމަށެވެ.