އިޖުތިމާއީ އަދުލަކީ ރާއްޖޭގެ ހުރިހާ ރަށްރަށުގެ މީހުންނަށް ހަމަހަމަ ފުރުސަތުތަކާއި ހިމާޔަތާއި ރައްކާތެރިކަން ހަމަހަމަ ގޮތެއްގައި އޮތުން ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް މިފަދައިން ވިދާޅުވީ ދުނިޔޭގެ އިޖުތިމާއީ އަދާލަތުގެ ދުވަހާ ގުޅިގެން "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައެވެ. އެގޮތުން އިޖުތިމާއީ އަދުލުގެ ދުވަހަކީ ރާއްޖޭގެ ޖަޒީރާ ރަށްތަކަށް ބެހިފައިވާ އާބާދީއަށް ބޭނުންވާ ފުރުސަތުތަކާއި، ކަރާމާތްތެރިކަމާއި، ރައްކާތެރިކަން ހަމަހަމަކަމާއެކު ކަށަވަރުކޮށްދިނުމާ މެދު ފުންކޮށް ވިސްނާލަންޖެހޭ ދުވަހެއް ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

އަދި ހަމަ އެހެންމެ އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމުތައް ވަރުގަދަކުރުމާއި، ފެންވަރު ރަނގަޅު ސިއްހީ ހިދުމަތްތަކާއި، އިތުބާރު ހުރި ދަތުރުފަތުރުގެ ނިޒާމެއް ގާއިމުކުރުމަށް ސަރުކާރުން ދަނީ ސާބިތުކަމާއެކު މަސައްކަތް ކުރަމުން ކަމަށް އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.

އަދި އަތްފޯރާފަށުގައި ހުރި ބޯހިޔާވަހިކަން ފޯރުކޮށްދިނުމާއި، ޖިންސީ ހަމަހަމަކަން ކުރިއެރުވުމުގެ އިތުރުން، އެކަށީގެންވާ މަސައްކަތްތަކުގެ ތެރެއިން އިގްތިސާދީ ފުރުސަތުތައް ފުޅާކުރުމަކީ ސަރުކާރުގެ މުހިންމު އަމާޒުތަކެއް ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން، ކޮންމެ ދިވެހި ރައްޔިތަކީ އުންމީދީ އަދި ރައްކާތެރި މުސްތަގުބަލެއް ބިނާކުރުމުގެ ގާބިލުކަން ލިބިފައިވާ މީހަކަށް ހެދުމަށްޓަކައި، ތައުލީމާއި ހުނަރު ތަރައްގީކުރުމުގެ ދާއިރާއިން އިންވެސްޓްމަންޓްތައް އިތުރުކުރައްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވަމުން ވިދާޅުވީ، ތަފާތުކުރުންތަކާއި ގޮންޖެހުންތައް ހުރި ނަމަވެސް، ސަރުކާރުގެ އަޒުމަކީ އެންމެހާ ރައްޔިތުންނަށް ހަމަހަމަކަމާއި އޯގާތެރިކަމާއެކު ދެމެހެއްޓެނިވި މުސްތަގުބަލެއް ބިނާކޮށްދިނުން ކަމަށެވެ.