މަސްޖިދު ޔޫސުފުލް ބަރްބަރީ ނުވަތަ ބަރުބަރީ މިސްކިތް ރައީސް ޑރ. މުހައްމަދު މުއިއްޒު ހުޅުއްވައިދެއްވައިފިއެވެ.
ރައީސް އޮފީހުން ބުނީ ސަރުކާރުން އަމިއްލަ ފަރާތަކާއި ހަވާލުކުރައްވައިގެން ޒަމާނީ ފެންވަރަށް ބަރުބަރީ މިސްކިތް ތަރައްގީކުރައްވާފައި ވަނީ 3 ފަންގިފިލާގެ މިސްކިތެއްގެ ގޮތުގައިކަމަށާއި، މިއީ 1400 މީހުންގެ ޖާގައިގެ މިސްކިތެއް ކަމަށެވެ.
އަދި މިސްކިތް ހުޅުވައިދެއްވުމަށްފަހު ރައީސް ވަނީ މިސްކިތުގެ އެކި ސަރަހައްދުތައް ބަލައްވާލައްވާފައިކަމަށްވެސް ރައީސް އޮފީހުން ވަނީ ބުނެފައެވެ.
މި މިސްކިތް ރައީސް ހުޅުއްވައިދެއްވާފައިވާއިރު އެމަނިކުފާނުގެ އަރިހުގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ އިތުރުން ދައުލަތުގެ އިސްވެރީންވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ހިލޭ އެހީގެ ދަށުން މާލެ ސަރަހައްދުގައި މިސްކިތްތައް ބިނާކޮށް ތަރައްޤީކުރުމަށް މިހާރުވެސް ގިނަ މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ. މިކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް އޮފީހުގެ ސްޕޯކްސް ޕާސަން ހީނާ ވަލީދު ވިދާޅުވީ މާލޭގައި ހުރި 4 މިސްކިތެއްގެ މައި ހޯލާއި އަންހެނުން ނަމާދުކުރާބައި ރޯދަ މަސް ފެށުމުގެ ކުރިން އޭސީ ކުރެވޭނެ ކަމަށް ރައީސް މުއިއްޒުގެ މިއަހަރުގެ ރިޔާސީ ބަޔާނުގައި ވިދާޅުވެފައިވާކަމަށެެވެ.
އެގޮތުން އެ ހަތަރު މިސްކިތަކީ ފުރުގާން މިސްކިތާއި، ޖަލާލުއްދީން މިސްކިތް، ވިޔަފާރިވެރިންގެ މިސްކިތް އަދި ހުޅުމާލެ އުމަރު ބިން ހައްތާބު މިސްކިތްކަން ފާހަގަކުރައްވާ ހީނާ ވިދާޅުވީ މި 4 މިސްކިތް އޭސީކޮށް ނިންމާ ރެއިން ފެށިގެން ވަނީ ބޭނުންކުރަން ފަށާފައި ކަމަށެވެ.
