މާލޭ ވިޔަފާރި ބަނދަރުން ވިޔަފާރިވެރިންނަށް ލުއި ވާނެ ހެން މުދާ ކްލިއާ ކުރެވޭނެ އަވަަސް އިންތިޒާމުތަކެއް ހަމަޖައްސައި މިރޭ 12 ޖަހަންދެން މުދާ ކްލިއާ ކުރާނެ ކަމަށް އެމްޕީއެލް އިން ބުނެފިއެވެ.
ރަމަޟާން މަހާ ދިމާކޮށް ކޮންމެ އަހަރަކު ވެސް މާލޭ ވިޔަފާރި ބަނދަރުން ގިނަ އަދަދެއްގެ މުދާ އެތެރެކުރެއެވެ. ވަކިން ހާއްސަކޮށް ރޯދަ މަހާ ދިމާކޮށް އަވަހަށް ހަލާކުވާ ޒާތުގެ ކާބޯތަކެތި އެތެރެކުރާ މިންވަރު އިތުރުވެއެވެ.
އެމްޕީއެލް އިން ބުނީ، މި އަހަރުގެ ރަމަޟާން މަހު ވެސް ކާބޯތަކެތީގެ ބާވަތްތައް ވީހާ ވެސް އަވަހަށް ވިޔަފާރިވެރިންނަށް ކްލިއާ ކުރެވޭނެ މަގު ފަހިކުރުމަށް އެ ކުންފުނީގެ އޮޕަރޭޝަންސްގެ ޓީމުތަކުން ދަނީ މަސައްކަތް ކުރަމުން ކަމަށެވެ. އެގޮތުން އަވަހަށް ހަލާކުވާ ޒާތުގެ ކާބޯތަކެތީގެ ބާވަތްތައް ކުރިއަށް އޮތް ރަމަޟާން މަހުގެ ތެރޭގައި ވީހާވެސް އަވަހަށް ވިޔަފާރިވެރިންނަށް ކްލިއާ ކުރެވޭނެ މަގުފަހިކޮށްދިނުމުގެ ގޮތުން، 3،000 އަކަފޫޓުގެ ހިޔާ ކުރެވިފައިވާ ޝެޑެއް ވަނީ މިހާރު ވަނީ ހަދާފައި ކަމަށް ވެސް އެމްޕީއެލް އިން ބުނެއެވެ.
މި ޝެޑް ހެދުމުން، އަވަހަށް ހަލާކުވާ ޒާތުގެ ކާބޯތަކެތި އަވަހަށް ބާލައި، ބެހެއްޓުމަށް އިތުރު ޖާގައެއް ލިބި، މުދާތައް ހަލުވި ކަމާއެކު ކްލިއާ ކުރުމަށް މަގުފަހިވެގެންދާނެ ކަމަށް އެމްޕީއެލް އިން ބުނެއެވެ.
މާލޭ ވިޔަފާރި ބަނދަރުން މިއަދު މެންދުރާ ހަމައަށް، 13،113 ޕެކޭޖްގެ ޕެރިޝަބަލް ނުވަތަ އަވަހަށް ކުނިވާ ޒާތުގެ މުދާ ވަނީ ކްލިއާކޮށްފައި ކަމަށާއި އެއީ ޖުމްލަ 480 ޓަނޭޖްގެ ޕެރިޝަބަލް މުދާ ކަމަށް އެމްޕީއެލް އިން ބުނެއެވެ. މާލޭ ވިޔަފާރި ބަނދަރުގައި މި ވަގުތު ޕެރިޝަބަލް މުދާ އުފުލާ ދެ ބޯޓެއް އޮތް އިރު، އެ ދެ ބޯޓުން މިއަދު މުދާ ހުސްކުރެވޭނެ ކަމަށް އެމްޕީއެލް އިން ލަފާކުރެއެވެ. އަދި މިރޭ 00:00 އާ ހަމައަށް މުދާ ކްލިއާ ކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދާނެ ކަމަށް ވެސް އެމްޕީއެލް އިން ބުނެއެވެ.
ރަމަޟާން މަހު މާލޭ ވިޔަފާރި ބަނދަރުން މުދާ އަރުވާ ބޭލުމާއި، މުދާ ދޫކުރުމުގެ މަސައްކަތް ކުރުމަށް ރޭވިފައިވާ ގަޑިތައް ވެސް މިހާރު ވަނީ ކަނޑައަޅާފައެވެ.
އެގޮތުން ކޮންމެ ހޮނިހިރު ދުވަހަކުން ބުރާސްފަތު ދުވަހަށް ހެނދުނު 09:00 އިން ހަވީރު 16:00 އަށް މުދާ ކްލިއާ ކުރާ އިރު ރޭގަނޑު 21:00 އިން މެންދަމު 01:30 އަށް މުދާ ކްލިއާ ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ހުކުރު ދުވަހު 21:00 އިން 01:30 އަށް މުދާ ކްލިއާ ކުރާނެ ކަމަށް އެމްޕީއެލް އިން ވަނީ ބުނެފައެވެ.
