ބަންގްލަދޭޝްގެ ބޮޑުވަޒީރު މަގާމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގެންފިއެވެ.
ރައީސް އޮފީހުން ބުނީ މިއަދު މެންދުރުފަހު ޑާކާގެ ނޭޝަނަލް ޕާލިމަންޓުގައި އޮތް މި ރަސްމިއްޔާތުގައި ބަންގްލަދޭޝްގެ ބޮޑުވަޒީރުކަމަށް އަލަށް އިންތިހާބުވެވަޑައިގެންނެވި ތާރިގު ރަހުމާން މަގާމުގެ ހުވާކުރެއްވުމާއި އާ ސަރުކާރު ހުވާކުރެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގެންފައިވާކަމަށެވެ.
ބަންގްލަދޭޝްގެ އާ ބޮޑުވަޒީރަށާއި ކެބިނެޓުގެ މެންބަރުންނަށް މަގާމުގެ ހުވާ ލައިދެއްވީ ބަންގްލަދޭޝްގެ ރައީސް، މުހައްމަދު ޝަހާބުއްދީންއެވެ. މި ރަސްމިއްޔާތުގައި އަވަށްޓެރި ގައުމުތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންފައިވާއިރު މި ރަސްމިއްޔާތަށްފަހު، ރައީސް މުއިއްޒު ވަނީ ބޮޑުވަޒީރު ރަހުމާނާ ބައްދަލުކުރައްވާފައެވެ.
ރައީސް އޮފީހުން ބުނީ ބަންގްލަދޭޝްގައި ފެބުރުވަރީ މަހުގެ 12 ވަނަ ދުވަހު ބޭއްވި، 13 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕާޓީގެ ޗެއާމަން ތާރިގު ރަހުމާންގެ ލީޑަޝިޕްގައި ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީއެންޕީ) އިން ވަނީ ފާހަގަކޮށްލެވޭ ފަދަ ބޮޑު ކާމިޔާބީއެއް ހޯދާފައިކަމަށެވެ. އެއާއެކު ތާރިގު ރަހުމާން ވެވަޑައިގެންފައިވަނީ 1991 ވަނަ އަހަރަށްފަހު އެ ގައުމުގެ ބޮޑުވަޒީރުކަމުގެ މަގާމާ ހަވާލުވެވަޑައިގަންނަވާ ފުރަތަމަ ފިރިހެން ބޭފުޅާއަށެވެ.
މިއީ ބަންގްލަދޭޝްގައި 2024 ވަނަ އަހަރު ކުރި ބޮޑު މުޒާހަރާގައި ޝައިހް ހަސީނާގެ ވެރިކަން ވައްޓާލުމަށް ފަހު ބޭއްވި ފުރަތަމަ އިންތިހާބެވެ. މި އިންތިހާބު ކާމިޔާބު ކުރި ޕާޓީއަކީ މިދިޔަ އަހަރު އަވަހާރަވި ކުރީގެ ބޮޑުވަޒީރު ޚާލިދާ ޒިއާގެ ބީއެންޕީންނެވެ.
