އިލެކްޝަން ކޮމިޝަނުން ހުސްވެފައިވާ މެންބަރުގެ މަގާމަށް ރިފްއަތު އަބްދުﷲ އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

އެ ކޮމިޝަންގެ މެންބަރުގެ މަގާމުގައި ހުންނެވި ޑރ. މުހައްމަދު ޒާހިރުގެ ދައުރު ހަމަވުމާ ގުޅިގެން މެންބަރުކަމަށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލީ ބޭފުޅުންގެ ތެރެއިން ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުވީ ރިފްއަތުގެ ނަމެވެ.

އީސީގެ ވަކީލެއްގެ ގޮތުގައި ކުރިން މަސައްކަތް ކުރެއްވި ރިފްއަތުގެ ނަން ދިރާސާކުރަން މިނިވަން މުއައްސަސާތަކުގެ ކޮމީޓީއަށް ފޮނުވާފައިވަނީ މި މަހުގެ 10 ވަނަ ދުވަހުއެވެ.

އެ ކޮމިޓީއިން ރިފްއަތު އާ ކުރި އިންޓަވިއުގައި 84 އިންސައްތައަށްވުރެ ގިނަ މާކްސް އޭނާ ވަނީ ހޯދާފައެވެ. އަދި އެ ކޮމިޓީގެ ރިޕޯޓު މިއަދު މަޖިލީހުގައި ހުށަހަޅައިފާއިރު، ނެގުނު ވޯޓުގައި ބައިވެރިވި 58 މެންބަރުންގެ ވޯޓާއެކީ އީސީއަށް ރިއްފަތު އައްޔަން ކުރުމަށް ވަނީ ފާސްވެފައެވެ.

އިލެކްޝަން ކޮމިޝަންގައި މިހާރު ތިއްބަވަނީ އެ ކޮމިޝަނުގެ ރައީސް މުހައްމަދު ޒާހިދު، މެންބަރު އަބްދުއްރަހުމާން، މެންބަރު ސޮލާހު ރަޝީދުގެ އިތުރުން މެންބަރ ހަަސަން ޒަކަރިއްޔާ އަދި މެންބަރު އަބްދުލް ހަސީބު އިސްމާއީލެވެ.