މާލެ ސިޓީ ކައުންސިލްގެ ރަސްމީ އާއްމު ޖަލްސާއެއް މިއަދު ބާއްވަން އެޖެންޑާކޮށް ޖަލްސާގެ ކޯރަމްވެސް ބަރާބަރަށް ހަމަވެފައި އޮއްވާ، ކޯރަމް ހަމަނުވާކަމަށް އިއުލާނުކޮށް މޭޔަރު އާދަމް އާޒިމް، ޖަލްސާ ނިންމާލިކަމަށް ބުނެ މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު މުހައްމަދު އަރީޝް ކަންބޮޑުވުންފާޅުކޮށްފިއެވެ.

އަރީޝް ސޯޝަލްމީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވަނީ މާލެ ސިޓީގެ ރައްޔިތުން ހޮވާފައިވާ މޭޔަރު އޭނާގެ މަގާމުގެ ނުފޫޒުގެ ބޭނުން ނާޖާއިޒް ގޮތުގައި ހިފައިގެން ވަމުންދާ އިހުމާލެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

މާލެ ސިޓީ ކައުންސިލްގެ ރަސްމީ އާއްމު ޖަލްސާތައް ބާއްވާ ދުވަހަކީ ކޮންމެ ހަފުތާއެއްގެ ބުދަ ދުވަސްކަމަށް ކަނޑައަޅައި އެކަން ދާއިމީކޮށް ކުރަމުން އަންނަތާ އެތައް ދައުރެއްވެފައިވާކަން ފާހަގަކުރައްވަމުން އަރީޝް ވިދާޅުވީ މިއަދުގެ ޖަލްސާ، މޭޔަރު އާދަމް އަޒިމް އެޖެންޑާ ކުރީވެސް ކުއްލިއަކަށް ކަމަށެވެ.

"ބެލެވޭ ގޮތުގައި އެއީ ކޯރަމް ހަމަނުވުމުގެ އިލްޒާމު ކައުންސިލަރުންގެ ބޮލުގައި އަޅުވަން." ނަމަވެސް މިއަދަށް އެޖެންޑާކުރި 4 ވަނަ ދައުރުގެ 234 ވަނަ ރަސްމީ ޢާއްމު ޖަލްސާއަށް ސާފުކޮށް ކޯރަމް ހަމަވާ ވަރަށް، ކައުންސިލްގެ 10 މެންބަރުން ގަޑިއަށް ހާޒިރުވި." އަރީޝް ވިދާޅުވިއެވެ.

މިއަދުގެ ޖަލްސާއަށް ހާޒިރުވި ކައުންސިލަރުންގެ ނަންތައްވެސް އަރީޝް ވަނީ ހިއްސާކުރައްވާފައެވެ. އެގޮތުން މިއަދުގެ ޖަލްސާއަށް ހާޒިރުވީ

  1. މޭޔަރު އާދަމް އާޒިމް
  2. ޑިޕިއުޓީ މޭޔަރު އަރީޝް
  3. ކައުންސިލަރު އައިމަން
  4. ކައުންސިލަރު ނަޙުލާ
  5. ކައުންސިލަރު ރީހާން
  6. ކައުންސިލަރު ސައޫދާ
  7. ކައުންސިލަރު ސައިފް
  8. ކައުންސިލަރު ރިޝްފާ
  9. ކައުންސިލަރު ނިޒާމް
  10. ކައުންސިލަރު މަރިޔަމް ނާޒިމާ

މީގެ އިތުރުން އަރީޝް ވިދާޅުވީ 10 ކައުންސިލަރުން ގަޑިއަށް ހަމަވެ، ކޯރަމް ލިބިފައި ވަނިކޮށްވެސް، ކޯރަމް ހަމަނުވާ ކަމަށް އިއުލާނުކޮށް، ވަރަށް ހުދުމުހުތާރު ގޮތަކަށް މޭޔަރު އާދަމް އާޒިމް ކެންސަލްކުރި މި ޖަލްސާއަށް އެޖެންޑާކޮށްފަައި އޮތް އެއްކަމަކީ، ސިނަމާލެ ފްލެޓްތަކުގެ ޖޫރިމަނާ މައާފްކޮށްދިނުން ކަމަށެވެ.

ސިނަމާލެ ފްލެޓްތަކުގެ ޖޫރިމަނާ މައާފްކޮށް ދިނުމަކީ، މިއަހަރުގެ ޖެނުއަރީ މަހު 5 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާ ކަމެއްކަން ފާހަގަކުރައްވަމުން އަރީޝް ވިދާޅުވީ އެ ނިންމުން ތަންފީޒުކުރަން 7 ޖެނުއަރީގައި މާލެ ސިޓީ ކައުންސިލަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އަންގަވާފައިވާކަމަށެވެ.

"ސާފުކޮށް ކޯރަމް ހަމަވެފައި އޮއްވާ މިއަދުގެ ޖަލްސާ ކެންސަލްކުރި ސަބަބެއްވެސް ނޭނގެ. މުޅީންވެސް މި ފެންނަނީ ކައުންސިލަރުންގެ ބަހެއް އެހުމަކާ ނުލައި އަމިއްލަ އެދުންތައް ހާސިލްކުރުމަށް ކަންކަން ރާވާ، އަދި ގާނޫނާ ހިލާފަށް ޖަލްސާތައް ކެންސަލްކޮށް، މާލެ ސިޓީގެ ލޮބުވެތި ރައްޔިތުންނާ، އެ ރައްޔިތުން އިންތިހާބުކުރި ކައުންސިލަރުންގެ ހައްގުތަކަށް މޭޔަރު އާދަމް އާޒިމް އަރައިގަންނަ މަންޒަރު." އަރީޝް ވިދާޅުވިއެވެ.

މިގޮތަށް މާކުރިން ނިމި ހަމަޖެހިފައިވާ ކަމެއް މި ޖަލްސާއަށް މޭޔަރު އާދަމް އާޒިމް އެޖެންޑާ ކުރެއްވި ސަބަބެއް ނޭނގެކަން ފާހަގަކޮށް އަރީޝް ވިދާޅުވީ ކައުންސިލަރުންނާ މަޝްވަރާވެސް ކޮށް ނުލާ އަންގާރަ ދުވަހު ރަސްމީ އާއްމު ޖަލްސާއެއް ކުއްލިއަކަށް ބާއްވަން ނިންމި ސަބަބެއްވެސް ސާފުނުވާކަމަށެވެ.