ސިނަމާލެ އަދި މާލޭހިޔާގެ ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކުގެ ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވައިދެއްވުމުގެ ގޮތުން ހާއްސަ އިނާޔަތެއް ހަމަޖައްސަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.
ރައީސް މިފަދައިން ނިންމެވީ ސިނަމާލެ އަދި މާލޭހިޔާގެ ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކާ ބައްދަލުކުރައްވާ މަޝްވަރާ ކުރެއްވުމަށްފަހުއެވެ.
އެގޮތުން މި ބައްދަލުކުރެއްވުމުގައި، ސިނަމާލެ އަދި މާލެހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކުން ވަނީ އެ ފްލެޓްތަކުގެ ހާލަތާއި، ދައްކަންޖެހޭ ކުއްޔާއި، ޖޫރިމަނާގެ ކަންކަމުގައި ހުރި ކަންބޮޑުވުންތައް ރައީސާ ހިއްސާ ކުރައްވާފައެވެ.
އަދި އެ ކަންބޮޑުވުންތަކަށް ހައްލު ހޯއްދެވުމުގެ ގޮތުން، ސިނަމާލެ 1، 2، 3 އަދި 4 އާއި، މާލެހިޔާ 1 އަދި 2 ގެ ވެރިފަރާތްތަކަށް އިނާޔަތެއް ދެއްވުމަށް ރައީސް ވަނީ ނިންމަވާފައެވެ. އިނާޔަތް ދިނުމުގައި އަމަލު ކުރާނެ އުސޫލުތަކެއް ކަނޑައަޅާފައިވާއިރު އެ އުސޫލު ތަކަކީ:
- ކުލި ނުދެއްކި ހުރި ފަރާތްތައް: އިނާޔަތް ދިނުމުގައި ފްލެޓުގެ ވެރިފަރާތުން ފްލެޓަށް ދައްކަންޖެހޭ ޖުމުލަ އަދަދު 100،000 (އެއްލައްކަ) ރުފިޔާއަށްވުރެ ބޮޑުވާނަމަ، 100،000 ރުފިޔާއާ ހަމައަށް އުނިކުރުން
- ފްލެޓަށް ދައްކަންޖެހޭ ޖުމުލަ އަދަދު 100،000 (އެއްލައްކަ) ރުފިޔާއަށް ވުރެ ކުޑަ ފަރާތްތައް: އެ މިންވަރެއް މައާފުކުރުމަށްފަހު އެ އަދަދުން ބާކީވާ މިންވަރެއް، ފްލެޓްގެ ވެރިފަރާތުގެ އެކައުންޓަށް ޖަމާކުރުން
- ފްލެޓް މިލްކުކުރުމަށް ފައިސާ ދައްކާ ނިންމާފައިވާ ފަރާތްތަކަށް: 100،000 (އެއްލައްކަ) ރުފިޔާ އެއްކޮށް، އެޕާޓްމަންޓްގެ ވެރިފަރާތުގެ އެކައުންޓަށް ޖަމާކުރުން
މިފަދައިން ރައީސް ނިންމަވާފައި ވަނީ ފްލެޓްތައް ބާވެ، ސްޓްރަކްޗާ ހަލާކުވެފައިވާތީއާއި، އެކަމަށް ހައްލެއް ހޯއްދަވައިނުދެވި ގިނަ ދުވަސްވެފައިވާތީ ކަމަށް ރައީސް އޮފީހުން ބުނެއެވެ.
