ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކުގައި ބޭއްވުމަށާއި ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާންކުރުމަށްޓަކައި ގާނޫނުއަސާސީ އަށް އިސްލާހު ގެނައުމުގެ ބިލް ތަސްދީގު ކުރެއްވުމުގެ ކުރިން، ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށް ބާއްވާ ގޮތަށް ގާނޫނުއަސާސީ ބަދަލުކުރަން ހުށަހެޅި ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މި މަހުގެ 10 ވަނަ ދުވަހުއެވެ. ސަރުކާރުގެ ފަރާތުން އެ އިސްލާހު ހުށަހެޅުއްވީ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު އެވެ.
ގާނޫނުއަސާސީއަށް ހުށަހެޅި އިސްލާހުގައި ބުނެފައިވަނީ، މަޖިލީހުގެ މެންބަރުކަމަށް މީހުން ހޮވުމަށް ބާއްވަންޖެހޭ އިންތިހާބު ބާއްވަންވާނީ ރައީސުލްޖުމްހޫރިއްޔާއަކު ހޮވުމަށް ބާއްވާ އިންތިހާބާއެކު ކަމަށެވެ.
އަދި ހަމަ އެހެންމެ ރައްޔިތުންގެ މަޖިލީހުގެ އުމުރަކީ، ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން ފަސް އަހަރު ދުވަސް ކަމަށާއި މި މުއްދަތު ހަމަވުމުން މަޖިލިސް އުވުނީ ކަމަށް ވެސް އިސްލާހުގައި ބުނެފައި ވެއެވެ. އަދި މަޖިލީހުގެ އުމުރު ހަމަވެގެން މަޖިލިސް އުވުމާއެކު، އަލަށް އިންތިހާބުކުރާ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާ ބާއްވަންވާނީ ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހު ކަމަށްވެސް ވެއެވެ.
އަދި މިހާރު ހިނގަމުންދާ މަޖިލީހުގެ އުމުރު 2028 ޑިސެމްބަރު 1 ވަނަ ދުވަހު ހަމަވާނެ ކަމަށެވެ. އަދި އެ ތާރީހުގެ ކުރިން ބާއްވާ ރިޔާސީ އިންތިހާބާ އެކު މަޖިލީހުގެ އިންތިހާބު ބާއްވަންވާނެ ކަމަށް ބުނެފައިވެ އެވެ.
ރައީސް އޮފީހުން މިއަދު ވަނީ، އެ ވޯޓު އަންނަ އޭޕްރިލް މަހު ހަތަރު ވަނަ ދުވަހު ބޭއްވުމަށް ރައީސް ގަރާރަކުން ނިންމަވައިފައިވާކަން އިއުލާންކޮށްފައެވެ.
"ރައީސުލްޖުމްހޫރިއްޔާގެ ގަރާރުގައި ރައްޔިތުންގެ ހިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމަށް ކަނޑައަޅައިފައިވާ ތާރީހަކީ ކުރިޔަށް އޮތް "ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު 2026" ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން އިއުލާނު ކޮށްފައިވާ 2026 އެޕްރީލް 4 ވާ ހޮނިހިރު ދުވަހު" ރައީސް އޮފީހުގެ ބަޔާނުގައި ވެއެވެ.
އަދި 'ގާނޫނު އަސާސީއަށް 8 ވަނަ އިސްލާޙު ގެނައުމުގެ ބިލަށް ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުން' ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރުމާއެކު، ގާނޫނުގައިވާ ގޮތުގެ މަތީން ވޯޓު ނެގުމުގެ ކަންކަން ކުރިޔަށް ގެންދިޔުމަށް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށް ވެސް ރައީސް އޮފީހުން ބުނެފައި ވެއެވެ.
