ފޭސްބުކް މާކެޓްޕްލޭސް މެދުވެރިކޮށް އަލަމާރިއެއް ވިއްކާނެ ކަމަށް ބުނެ އޮޅުވާލައިގެން ފައިސާ ހޯދި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ނަކުލް ކޭ ސީ، ނޭޕާލް (23އ) އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މި ފެބުރުވަރީ މަހުގެ 7 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުންކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލައާ ގުޅިގެން ނަކުލް ކޭ ސީގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 12 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލައާއި ނަކުލް ކޭ ސީގެ މިފަދަ އިތުރު މައްސަލަތަކެއް ވެސް ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.

ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތައް ބޭނުންކޮށްގެން މަކަރާއި ހީލަތުން ފައިސާ ހޯދާ މައްސަލަ ވަރަށް ބޮޑަށް ވަނީ އިތުރުވެފައެވެ. އަދި މި ފަދަ ބައެއް މައްސަލަތަކުގައި ގެއްލޭ މުދާ އަދި ފައިސާ ހޯދުމުގައިވެސް ދަތިތަކެއް ވަނީ ކުރިމަތިވެފައެވެ.