މާދަމާ ރޭ ބާއްވަން ހަމަޖެހިފައިވާ މޯލްޑިވްސް ސްޕޯޓްސް އެވޯޑް 2025 ގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަލުން މުހައްމަދު އުމައިރު ހިމެނިފައިވަނީ އޭނާއަކީ މޮޅު ޓީޓީ ކުޅުންތެރިއަކަށް ވުމުން ކަމަށް ކުރީގެ ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.
މަހްލޫފް މިހެން ވިދާޅުވެފައި ވަނީ، މި އެވޯޑަށް އުމައިރުގެ ނަން ނޮމިނޭތްވެފައިވުމުން އެކަމާ ގުޅިގެން ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ފާޑުކިޔަމުން ދިއުމާ ގުޅިގެންނެވެ. މިއީ ރައިސް ކަން ކުރައްވާ ބޭފުޅެއްގެ ދަރިކަލުން މިފަދަ އެވޯޑަކަށް ނޮމިނޭޓްވެފައިވާ ފުރަތަމަ ފަހަރު ކަން ވެސް ފާހަގަކޮށް ގިނަ ބަޔަކު އަންނަނީ މިކަމާ ގުޅިގެން ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ.
މި ކަމާ ގުޅިގެން މަހްލޫފް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އުމައިރަކީ މޮޅު ޓީޓީ ކުޅުންތެރިއެއް ކަމަށާއި ޓީޓީ އިން ރަން ވަނަތަކެއް ބައިނަލްއަގުވާމީ އަދި ގައުމީ ފެންވަރުގައި ހޯދާފައިވާ ހުނަރުވެރި ކުޅުންތެރިއެއް ކަމަށެވެ. 2024 ވަނަ އަހަރު އޭނާ ވަނީ ކާމިޔާބީތަކެއް ހޯދާފައި ކަމަށާއި އެއީ އެމްޑީޕީގެ ވެރިކަމުގައި ހިންގި އަރުތަ ޕްރޮގްރާމްގައި ހިމެނުނު އެތުލީޓެއް ކަން ވެސް މަހްލޫފް ފާހަގަކުރެއްވިއެވެ.
އެ އެވޯޑަށް އުމައިރު ނޮމިނޭޓްވީ ރައީސްގެ ދަރިކަލަކަށް ވީތީ ނޫން ކަމަށާއި އޭނާ ނޮމިނޭޓްވެފައި ވަނީ އެންމެ ކުޑައިރުއްސުރެ އޭނާ ކުރި މަސައްކަތުން ކަމަށް މަހްލޫފް ވިދާޅުވިއެވެ. ހަގީގަތް ނުބަލާ ކުދިންގެ މިފަދަ ބުރަ މަސައްކަތުގެ ކާމިޔާބީ ސިޔާސީކުރުން ހުއްޓާލަންޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މިކަމާ ގުޅިގެން ރައީސް އޮފީހުގެ ޕްރެސިޑެންޝަލް އެފެއާސްގެ މިނިސްޓަރު އަލީ އާރިފް ކުރެއްވި ޕޯސްޓެއްގައި ވަނީ، ސްޕޯޓްސް އެވޯޑަށް އުމައިރު ނޮމިނޭޓް ވުން ކުށަކަށް ވީ، އެއީ ވަކި ބޭފުޅެއްގެ ކުއްޖަކަށް ވީމަތޯ އައްސަވާފައެވެ. އުމައިރުއާ އެކު ދެން ތިނި ހަތަރު ކުދިންގެ ތެރޭގައި ވެސް ސިޔާސީ ބޭފުޅުންގެ ކުދިން އެބް ތިއްބެވި ކަމަށާއި އެކުދިން ވެސް އެ އެވޮޑަށް ނޮމިނޭޓްވެފައި ވަނީ އުމައިރު ފަދައިން ހުނަރުވެރިވުމުން ކަމަށް އާރިފް ވިދާޅުވިއެވެ.
އަދި އެކުދިންގެ ހައްގުތަކަށް އަރައިގަތުމަކީ މިނިވަން ނޫސްވެރިކަމެއް ޏުން ކަމަށާއި ސިޔާސީ މިނިވަން ކަމެއް ވެސް ނޫން ކަމަށް އާރިފް ވިދާޅުވިއެވެ. އެއީ ފާޅުގައި އެކުދިންގެ ހައްގުތަކަށް އަރައިގަތުން ކަަމަށް އޭނާ ވިދާޅުވިއެވެ.
