މަސް ދޯނީގައި އަލިފާން ރޯވި ހާދިސާގައި 5 މީހަކަށް އަނިޔާވެފައިވާ ކަމަށާއި އެމީހުންނަށް މިހާރު ފަރުވާ ދެމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.

ކުރުނބާ މޯލްޑިވްސް ރިސޯޓު ކައިރިން މަސް ދޯންޏެއްގައި އަލިފާން ރޯވެފައިވާ ކަން ރިޕޯޓްކޮށްފައި ވަނީ މިއަދު 14:54 ހާއިރު އެވެ. އެއާއެކު އެ ސަރަހައްދަށް ފުލުހުންނާއި ސިފައިން ގޮސް ވަނީ އެ ދޯނީގައި ރޯވެފައިވާ އަލިފާން ނިއްވުމަށް ހަރަކާތްތެރިވެފައެވެ. އަދި ބައި ގަޑިއިރެއް ހާއިރު ތެރޭ އަލިފާން ވަނީ އެއްކޮށް ނިއްވާލާފާއެވެ.

އެ މަސް ދޯނީގައި ޖުމްލަ 15 މީހުން ތިބި އިރު މި ހާދިސާގައި އަނިޔާވި މީހުން މާލެއަށް ވަނީ ގެނެސްފައެވެ.

ފުލުހުން ބުނީ އަނިޔާވެގެން ޖުމްލަ 5 މީހަކު މާލެ ގެނެސް މިހާރު ފަރުވާ ދެމުން ދާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ 2 ދިވެހިންނާއި 3 ބިދޭސީން ކަމަށް ވެސް ފުލުހުން ބުނެއެވެ. ނަމަވެސް އެމީހުންނަށް ލިބިފައިވާ އަނިޔާގެ ތަފްސީލެއް އަދި ނުލިބެއެވެ.