މާލެ ކައިރީގައި 15 މީހުން ތިބި މަސް ދޯންޏެއްގައި ރޯވެ، އަނދަމުން އެބަދެއެވެ.
15 މީހަކު ތިބި އެ ދޯނީގައި ރޯވުމުގެ ސަބަބުން ބައެއް މީހުނަށް އަނިޔާވެގެން ފަރުވާއަށް މާލެ ގެނައުމުގެ މަސައްކަތް ކައިރީގައި އޮންނަ ކުރުނބާ މޯލްޑިވްސް ރިސޯޓުގެ އުޅަނދަކުން މަސައްކަތް ކުރަމުން ދާ ކަމަށް ވެސް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ ކުރުނބާ މޯލްޑިވްސް ރިސޯޓު ކައިރިން މަސް ދޯންޏެއްގައި އަލިފާން ރޯވެފައިވާ ކަމުގެ މައުލޫމާތު މިއަދު 14:54 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އަދި މި ހާދިސާއާއި ގުޅިގެން ފުލުހުން ހަރަކާތްތެރިވަމުން އަންނަކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.
މި ހާދިސާއާއި ގުޅޭ އިތުރު އެއްވެސް ތަފްސީލެއް އަދި ކަމާއި ގުޅޭ އިދާރާތަކުން ހާމަކޮށްފައި ނުވާއިރު، ދޯނިން ދަތުރުކުރި މީހުންގެ މައުލޫމާތެއްވެސް އަދި ސާފުވެފައެއް ނުވެއެވެ.
އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ދިޔަ މީހަކު، ދަ ޕްރެސް އަށް މައުލޫމާތު ދެމުން ބުނީ ދޯނީގައި ވަރަށް ބޮޑަށް އަލިފާންގަނޑު ފެތުރިފައިވާ ކަމަށާއި އެ ސަރަހައްދުގައި ރެސްކިއު ލޯންޗެއްވެސް ހަރަކާތްތެރިވަމުން އަންނަކަމަށެވެ.
