މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ހިންގަމުންދާ ބަނދަރުތަކުގެ ތެރެއިން މާލޭގެ ހުޅަނގު ދެކުނު ހާބާ، އާންމު ނަމުންނަމަ ޓީޖެޓީއަކީ އެންމެ ބާރުބޮޑު އެއް ބަނދަރެވެ. މިތަނުގެ އޮޕަރޭޝަން ކޮންމެ ދުވަހަކުވެސް އަމާންކަމާ، އޮމާންކަމާއެކު ކުރިއަށް ދަނީ އެމްޕީއެލްގެ އެތައް މުވައްޒަފެއްގެ ބުރަ މަސައްކަތުންނެވެ. މީގެތެރެއިން އެއް މުވައްޒަފަކީ ހުސައިން ސާމީއެވެ.
ސާމީ، މީގެ 11 އަހަރު ކުރިން 2015 ވަނަ އަހަރުގެ ތެރޭގައި އެމްޕީއެލްއާ ގުޅުނީ އޭނާގެ ރަހްމަތްތެރިޔަކު ދިން ހިޔާލަކަށެވެ. ރަހްމަތްތެރިޔާ އެދުނީ އެމްޕީއެލްގައި ކުރިއަށް ދިއުމަށް ގިނަ ފުރުސަތުތަކެއް ހުރުމުން އެތަނުން ވަޒީފާއެއް ތަޖުރިބާކޮށްލުމަށެވެ. "ދެން މިތަޖުރިބާއާ ދޭތެރޭ އަޅުގަނޑު ވަރަށް ވަރަށް ހިތްހަމަޖެހޭ،" ސާމީ ބުންޏެވެ.
ސާމީ އެންމެ ފުރަތަމަ ނިކުތީ އެމްޕީއެލް އިން ހިންގަމުންދާ ނޯތު ހާބަރުގެ ލޭބަރެއްގެ ވަޒީފާ އަށެވެ. އެތަނުގައި މަސައްކަތް ކުރަނިކޮށް ސާމީ ބަދަލުކުރީ ޓީޖެޓީގެ އޮފީސް އެޓެންޑެންޓަކަށެވެ. ވަޒީފާގައި އެކި ތަޖުރިބާތައް ކުރަމުން އައިސް ސާމީ މިއަދު ހުރީ ޓީޖެޓީގެ އޮޕަރޭޝަންސް އެގެޒެކްޓިވްއެއްގެ މަގާމުގައެވެ. ޓީޖެޓީގެ އޮޕަރޭޝަންގައި ހިމެނޭ ހުރިހާ މަސައްކަތެއްގައިވެސް ސާމީގެ ބައިވެރިވުން އޮވެއެވެ.
މަސައްކަތުގެ މާހައުލުގައި ސާމީ އެންމެ އުފާވަނީ އެމްޕީއެލްގެ އެކި ޑިޕާޓްމަންޓްތަކުގައި އޮންނަ ގުޅުން ރަނގަޅުވެފައި މުވައްޒަފުންގެ ފަރާތުން އެކުވެރިކަން ފެންނާތީ އެވެ.
ސާމީގެ ކުރިއެރުމަށް އެމްޕީއެލް އިން މުހިއްމު ދައުރެއް އަދާކޮށްފައިވާ ކަމަށްވެސް އޭނާ ގަބޫލުކުރެއެވެ. އެގޮތުން ބައެއް ކަހަލަ ތަމްރީން ޕްރޮގްރާމުތަކުގައި ބައިވެރިކޮށް، ތަޖުރިބާގެ ފުރުސަތުތައް ހޯދައިދީފައިވާތީ ސާމީ އެކަން ޝުކުރުވެރިކަމާއެކު ބަލައިގަނެއެވެ. އަދި އެފަދަ ކޮންމެ ޕްރޮގްރާމަކީ ވަޒީފާގައި ކުރިއަށް ދިއުމަށް ލިބޭ ވަރަށް ބޮޑު ހިތްވަރެއް ކަމަށްވެސް ސާމީ ބުންޏެވެ.
"އެގޮތުން ޓައިމް މެނޭޖުމަންޓް ޕްރޮގްރާމު، ސޭފްޓީ އެންޑް ސެކިއުރިޓީ ޕްރޮގްރާމުގައި އަޅުގަނޑު ވާނީ ބައިވެރިވެފައި. އެއީ ވަރަށް ހާއްސަ ދެ ޕްރޮގްރާމު،" ސާމީ ބުންޏެވެ. ވަޒީފާ އަދާކުރަން ބޭނުންވާ ކޮންމެ ޒުވާނަކަށްވެސް އެމްޕީއެލް އަކީ އެންމެ ގިނަ ފުރުސަތު ހުރި އެއް ތަނަށް ވާނެ ކަމަށް ސާމީ ބުންޏެވެ. އެހެންކަމުން ވީހާވެސް ގިނަ ޒުވާނުން އެމްޕީއެލްގެ ވަޒީފާތަކާ ގުޅުމަށްވެސް ސާމީ ވަނީ އެދިފައެވެ.
