ދިވެހި ފުލުހުންގެ ޚިދުމަތާ އަލަށް ގުޅޭ ފުލުހުންނަށް ކުރިއަށް ގެންދާ އަސާސީ ތަމްރީނު ކޯހުގެ 42 ވަނަ ބުރުގެ ތަމްރީނު ފަށައިފިއެވެ.

މި ކޯސް ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓުގެ އައްޑޫ ސިޓީ ކެމްޕަހުގައި ފަށާފައިވާއިރު މި ކޯހުގައި 158 ފުލުހުން ބައިވެރިވެފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެއީ 48 އަންހެން ފުލުހުންނާއި 110 ފިރިހެން ފުލުހުންކަމަށްވެސް ވަނީ މައުލޫމާތު ދީފައެވެ.

ފުލުހުން ބުނީ މި ކޯސް ކުރިއަށްދާނީ ފެބުރުވަރީ 15 އިން ފެށިގެން 17 ހަފުތާގެ މުއްދަތަށް ކަމަށެވެ. އަދި މިއީ ފުލުހުންގެ ވަޒީފާއަށް ބޭނުންވާ ތަމްރީނާއި ތަރުބިއްޔަތު އުނގަންނައިދީ ފުލުހުންގެ މަސައްކަތަށް ބޭނުންވާ އިލްމީ ގާބިލުކަމާއި ހުނަރާއި ތަޖުރިބާ ލިބިދިނުމަށް ކުރިއަށް ގެންދާ ކޯހެއްކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެގޮތުން މި ކޯހުގައި ފިޒިކަލް ޓްރެއިނިން، އޮޕަރޭޝަނަލް ސޭފްޓީ އެންޑް ޓެކްޓިކްސް އަދި ގާނޫނާއި ގަވާއިދުތަކުގެ އިތުރުން ފުލުހުންގެ މަސައްކަތްތަކާ ގުޅުންހުރި ބައިތައް ކިޔަވައިދޭނެކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

މި ކޯސް ފެށުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައިވަނީ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓުގެ ޑެޕިއުޓީ ހެޑް، އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ބަޝީރެވެ. އަދި މި ރަސްމިއްޔާތުގައި ކޮލެޖުގެ އެކި ޑިޕާޓްމަންޓުތަކުގެ އިސްވެރިންނާއި މުވައްޒަފުން ވަނީ ބައިވެރިވެފައެވެ.