ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ޖަރުމަނުވިލާތަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި މިއަދު މާލެ ވަޑައިގެންފިއެވެ.
އެމަނިކުފާނުގެ މި ދަތުރުފުޅަކީ ޖަރުމަނުވިލާތުގެ ރައީސް ފްރޭންކް-ވޯލްޓާ ޝްޓައިންމަޔާގެ ދައުވަތަކަށް ކުރެއްވި ރަސްމީ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި، ބޭއްވެވި ރަސްމީ ވާހަކަފުޅުތަކުގައި ރައީސުލްޖުމްހޫރިއްޔާ އާއި ރައީސް ޝްޓައިންމަޔާ ވަނީ ރަސްމީ ވާހަކަފުޅުތައް އިތުރަށް ފުޅާކުރައްވައި ދެމެހެއްޓެވުމަށް އެއްބަސްވެވަޑައިގަންނަވާފައެވެ.
މި ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުއްވާލެއްވީ، ބައިނަލްއަގްވާމީ މައިދާންތަކުގައި ދެ ގައުމުގެ މެދުގައި އޮތް ގުޅުމާއި، ދެ ޤައުމުގެ މަސްލަހަތު އެކުލެވޭ ކަންކަމުގައި، މަތީ ފަންތީގެ މަޝްވަރާތަކަށެވެ.
މީގެ އިތުރުން މި ދަތުރުފުޅުގައި ކުރިއަށްގެންދެވި މޯލްޑިވްސް- ޖާމަނީ ބިޒްނަސް ރައުންޑްޓޭބަލްގައި ރާއްޖޭގައި ޖަރުމަނު ކުންފުނިތަކަށް ހުރި ފުރުސަތުތަކާ ބެހޭގޮތުން މައުލޫމާތު ދީފައިވެއެވެ. މި ބިޒްނަސް ރައުންޑްޓޭބަލްގައި ވަނީ، ވިލާތުގެ އެންމެ އިސް އެއް ޓްރެވަލް އެންޑް ޓޫރިޒަމް ގުރޫޕުކަމުގައިވާ ޑިއާޓުއާ ޑޮއިޝްލަންޑް ޖީއެމްބީއެޗް އާއި ވިޒިޓް މޯލްޑިވްސް އާ ދެމެދު، ޑެސްޓިނޭޝަން ޕްރޮމޯޝަނާއި މާކެޓިންގައި އެއްބާރުލުންދިނުމާ ގުޅޭ ފަހުމުނާމާއެއްގައިވެސް ސޮއިކުރައްވާފައެވެ.
ހަމަ އެހެންމެ މި ދަތުރުފުޅުގައި ރައީސް ވަނީ ބާލިންގެ ހުމްބޯލްޑްޓް ޔުނިވާސިޓީއަށް ޒިޔާރާތްކުރައްވައި، މޫސުމީ ބަދަލުތަކަށް ވިލުންވެރިވުމުގައި ރާއްޖޭގެ ތަޖުރިބާތަކަށް ބައްލަވާލައްވައި ހާއްސަ ތަގުރީރެއް ދެއްވައިފައެވެ.
އަދި، އެމަނިކުފާނު ވަނީ، ހާރިޖީ ސިޔާސަތުގައި ކަނޑުތައް އަދާކުރާ ދައުރާ ބެހޭގޮތުން، ޖާމަން ކައުންސިލް އޮން ފޮރިން ރިލޭޝަންސް، ޑޮއިޝް ގެޒޭލްޝާފްޓް ފުއާ އައުސްވެއާޓީގަ ޕޮލިޓީކް (ޑީޖީއޭޕީ)ގައި ވެސް ތަގުރީރު ކުރައްވާފައެވެ.
ރައީސްގެ މި ދަތުރުފުޅުގައި، ދިވެހިރާއްޖެއާއި ޖަރުމަނުވިލާތާ ދެމެދު ހާރިޖީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން، އެ ގައުމުގައި ބޭއްވި ރަސްމީ ޖާފަތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
