ޓައިމް މެގަޒިން އިން ހޮވާ ސިއްހީ ދާއިރާގެ ނުފޫޒުގަދަ 100 ބޭފުޅުންގެ މިއަހަރުގެ ލިސްޓުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ހިމެނިވަޑައިގެންފިއެވެ.
މިއީ ދުނިޔޭގެ ސިއްހީ ދާއިރާއިން ފާހަގަކޮށްލެވޭ ފަދަ މުހިންމު މަސައްކަތްތަކެއް ކުރައްވާ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން "ޓައިމް" މެގަޒިންއިން އާންމުކުރާ ލިސްޓެކެވެ. މިއީ މި ލިސްޓް ނެރުނު ތިން ވަނަ އަހަރެވެ.
އެ ނޫހުހައި ބުނެފައި ވަނީ ލިސްޓުގައި ރައީސްގެ ނަން ހިމެނީ އާންމު ސިއްހަތަށް އެމަނިކުފާނު އިސްކަންދެއްވާ މިންވަރު ފާހަގަކޮށް ކަމަށެވެ. އެގޮތުން ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓުވުމަށް ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން އެޅި އެންމެ ވަރުގަދަ ފިޔަވަޅު ކަމުގައިވާ "ޖެނެރޭޝަން ބޭން" ތަންފީޒު ކުރުމުގެ އިތުރުން ރައީސް ވެރިކަމަށް ވަޑައިގެން ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް ގެނައި އިސްލާހާ އެކު، ރާއްޖޭގައި ވޭޕް ބުއިމާއި އޭގެ ވިޔަފާރިކުރުން 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހުން ފެށިގެން މަނާ ކުރުން ހިމެނެއެވެ.
ހަމައެއާއެކު ނޮވެމްބަރު މަހުން ފެށިގެން އަމަލުކުރަން ފެށި މި ސިޔާސަތުގެ ދަށުން، ޖެނުއަރީ 2007 ގެ ފަހުން އުފަންވި އެއްވެސް މީހަކަށް ރާއްޖޭގައި ދުންފަތުގެ އެއްވެސް ބާވަތެއް ވިއްކުމާއި، އެފަދަ ތަކެތި ގަތުމަކީ މުޅި އުމުރަށް މަނާކަމެކެވެ. މިއީ 2023 ވަނަ އަހަރު ރައީސްކަމާ ހަވާލުވެވަޑައިގަތުމަށްފަހު، އާންމު ސިއްހަތު ކުރިއެރުވުމަށް ރައީސް މުއިއްޒު ދެއްވާ އިސްކަމުގެ ދަށުން ނިންމެވި ނިންމެވުމެކެވެ.
މީގެ އިތުރުން ވެސް އެމަނިކުފާނުހެ ސަރުކާރުން ވަނީ ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ކުރުމުގެ އިތުރުން 2026 ވަނަ އަހަރު ކޮންމެ ރަށެއްގައި ހިލޭ ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލުމުގެ ކްލިނިކްތަކެއް ގާއިމްކޮށް، 24 ގަޑިއިރު ހިލޭ ނަފްސާނީ އެހީ ލިބޭ ހެލްޕް ލައިނެއްވެސް ގާއިމްކޮށްފައިވާ ކަމަށް "ޓައިމް" މެގަޒިންއިން ފާހަގަކޮށްފައި ވެއެވެ.
ދުންފަތް ކޮންޓްރޯލް ކުރުމަށް ރައީސް މުއިއްޒު ކުރައްވާ މި މަސައްކަތްތަކުގެ އަގުވަޒަންކޮށް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ވެސް ވަނީ މީގެ ކުރިން އެމަނިކުފާނަށް ހާއްސަ އެވޯޑެއް ވެސް އަރުވާފައެވެ.
މި އާ ގާނޫނަކީ 2024 ވަނަ އަހަރު ރާއްޖޭގައި ވޭޕް އަދި އީ-ސިނގިރޭޓް އެތެރެކުރުމާއި، ބޭނުންކުރުން މަނާކުރުމަށްފަހު، ރާއްޖެއިން ދުންފަތުގެ ވަބާ އެއްކޮށް ނައްތާލުމަށް އެޅުނު ވަރުގަދަ ފިޔަވަޅެއް ކަމަށް ބައެއް ބޭރުގެ ފަރާތްތަކުން ދަނީ ސިފަ ކުރަމުންނެވެ.
