ވައިގެ މަގުން ރާއްޖެއަށް ފަސް ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރި ޕާކިސްތާނުގެ ރައްޔިތެއް ކަމަށްވާ އަބްދުލްލަތީފް ބަލޮޗް، އުމުރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.
އޭނާގެ މައްޗަށް މަސްތުވާއެއްޗެއް ޓްރެފިކް ކުރުމުގެ ދައުވާ އުފުލާފައި ވަނީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އޭނާ ހުއްޓުވައި ބަލާފާސްކުރުމުގެ ތެރެއިން، އޭނާގެ ނަން މަތީ އޮތް ދަބަހަކުން މަސްތުވާތަކެތި ފެނުނު މައްސަލައިގައެވެ.
ބަލޮޗް ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކޮށްފައި ވަނީ މާޗް 12، 2024 ގައި ގަތަރު އެއާވޭސްގެ ފްލައިޓެއްގައި ރާއްޖެ އައި އިރު އޭނާ ގެނައި ދެ ދަބަހުގެ ތެރެއިން ދަބަހެއްގައެވެ. އެދުވަހު އޭނާގެ ލަގެޖަކާ އެކު ކަސްޓަމްސްގެ ރެޑް ޗެނަލްއަށް އަމިއްލައަށް ދިޔަ އިރު، ދެ ދަބަސް ޗެކިން ކޮށްފައި އޮތް ނަމަވެސް، އޭނާ ނަގާފައިވަނީ އެންމެ ދަބަހެކެވެ.
އެހެންކަމުން ކަސްޓަމްސްގެ އޮފިސަރުން އޭނާއާ އެކު ލަގެޖު ބެލްޓަށް ގޮސް އަނެއް ދަބަސް ނަގައި ސްކޭން ކުރި އިރު، ސުވާލު އުފެދޭ ކަންކަން ފާހަގަވާތީ، ދަބަސް ބަލައި ފާސްކުރިއެވެ. އެ ދަބަހުގެ ތެރެއިން ވަނީ ޑައިމޯފިން ހުރި ދެ ޕެކޭޖެއް ފެނިފައެވެ. އޭގެ ބަރުދަނުގައި 5200 ގްރާމް ހުއްޓެވެ. އަދި އޭނާގެ މައްޗަށް ދައުލަތުން އުފުލި ދައުވާއަށް އިންކާރު ކޮށް އެ ދަބަހަކީ އޭނާގެ ދަބަހެއް ނޫން ކަމަށް ބުނެފައި ވެއެވެ.
މި މައްސަލައިގައި މިދިޔަ ހޯމަ ދުވަހު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ވަނީ، ދައުލަތުން ހުށަހެޅި ހެކިތަކަށް ބަލާއިރު އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ނިންމާފައެވެ. ދަބަހުގައި ހުރި މަސްތުވާތަކެއްޗަކީ ބަލޮޗްއަށް އެނގިގެން، ރާއްޖެއަށް އެ ގެނައުމުގެ ބޭނުމުގައި އެތެރެކޮށްފައިވާ އެއްޗެއްކަން ސާބިތުވާ ކަމަށާއި އެހެންކަމުން ކުށުގެ ނިޔަތް އޭނާގެ އެބަ އޮތް ކަމަށް އޭނާއަށް ކުރި ހުކުމްގައި ބުނެފައި ވެއެވެ. ލަގެޖު ބެލްޓަށް އެ ދަބަސް ދޫކޮށްލާފައި އޮތް ނަމަވެސް، އެ ދަބަހުގެ ޓެގުގައި ބަލޮޗްގެ ނަން އޮތް އޮތުމާއެކު އެއީ އޭނާ ޗެކިން ކުރި ދަބަހެއް ކަން ސާބިތުވާ ކަމަށް ވެސް ހުކުމްގައި ވެއެވެ.
މި މައްސަލައިގައި ކްރިމިނަލް ކޯޓުން ބުނީ، މަސްތުވާތަކެތި ރާއްޖެއަށް ޓްރެފިކް ކުރުމުގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި، އޭނާ އުމުރަށް ޖަލަށް ލާން ހުކުމް ކުރާ ކަމަށެވެ. 25 އަހަރުގެ ޖަލު ހުކުމެއް އިއްވާފައި ވީ ނަމަަވެސް ޖަލު ބަންދުގައި އެއް އަހަރާއި 11 މަހާއި 10 ދުވަސް ހޭދަކޮށްފައިވާތީ އޭނާ ދެން ތަންފީޒު ކުރަން ޖެހޭނީ 23 އަހަރާއި 20 ދުވަހުގެ ޖަލު ހުކުމެއް ކަމަށް ވެސް އެ ހުކުމްގައި ބުނެފައި ވެއެވެ.
ބަލޮޗަކީ ރާއްޖެއަށް އެއް ފަހަރަށް ވުރެ ގިނައިން މަސްތުވާތަކެތި އެތެރެކޮށްފައިވާ މީހެއް ކަމަށާއި އެކަމުގައި އޭނާއާ އިތުރު ބަޔަކު ބައިވެރިވާ ކަމަށް ވެސް ހުކުމުގައި ބުނެފައި ވެއެވެ. އެހެންކަމުން އޭނާވަނީ ބޮޑު އަދަދކުން ޖޫރިމަނާ ވެސް ކޯށްފައެވެ. ޖުމްލަ 12 މަސް ދުވަހުގެ ތެރޭގައި 2 މިލިއަން ރުފިޔާ ދެއްކުމަށް ހުކުމްގައި ބުނެފައި ވެއެވެ.
