ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޖަރުމަނުވިލާތަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ ގައުމުގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާ ބައްދަލުކުރައްވައިފިއެވެ.

އެމަނިކުފާނު ބޭރު ގައުމުތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅުތަކުގައި އެ ގައުމުތަކުގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާ ބައްދަލު ކުރެއްވުމަކީ ހާއްސަ އިސްކަމެއް ދެއްވާ ކަމެއްކަން ފާހަގަކުރައްވައި ރައީސް ވަނީ ބައްދަލު ކުރެއްވި ދިވެހިންނަށް ހެޔޮއެދުން އަރިސްކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ބައިވެރިވި ދިވެހި ރައްޔިތުންނަށް ވަނީ ރައީސުލްޖުމްހޫރިއްޔާއާއެކު ވަކިން ބައްދަލުކޮށް، އެ ރައްޔިތުންގެ ކަންބޮޑުވުންތައް ހިއްސާކުރުމަށް ފުރުސަތު ދީފައެވެ.

ރައީސުލްޖުމްހޫރިއްޔާ މިހާތަނަށް ރަސްމީ ދަތުރުފުޅުގައި ވަޑައިގެންނެވި ކޮންމެ ގައުމެއްގައި ވެސް ދިރިއުޅޭ ދިވެހި ރައްޔިތުންނާ ބައްދަލުކުރައްވައެވެ. އަދި އެ ބައްދަލުކުރެއްވުމުގައި އެ ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް އަޑުއައްސަވައި އެ ކަންބޮޑުވުންތަކަށް ހައްލު ގެނެސް ދެއްވުމަށް ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ.