ސަރުކާރުން ހުޅުވާލާފައިވާ "ބޯހިޔާވަހިކަން އެންމެންނަށް" ސްކީމުގެ ދަށުން މިހާތަނަށް 3600 އަށް ވުރެ ގިނަ މީހުން ފޯމު ހުށަހަޅާފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ.

މި ސްކީމްގެ ދަށުން ގޯއްޗާއި ފްލެތަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މިދިޔަ ޖެނުއަރީ މަހުގެ 18 ވަނަ ދުވަހުއެވެ.

ބޯހިޔާވަހިކަން އެންމެންނަށް ސްކީމްގެ އެންމެ ފަހުގެ މައުލޫމާތު ޕީއެސްއެމް ނިއުސްއަށް ހިއްސާކުރައްވަމުން މުއްތަލިބް ވިދާޅުވީ، މި ސްކީމަށް މިހާތަނަށް 3651 އެޕްލިކޭޝަނެއް ފުރިހަމަކޮށް ހުށަހަޅާފައިވާ ކަމަށެވެ. އަދި ޑްރާފްޓް މަރުހަލާގައި 10،000 ވަރަކަށް އެޕްލިކޭޝަންގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. މިހާތަނަށް ހުށަހަޅާފައިވާ ފޯމްތަކަށް ބަލާއިރު، އެންމެ ގިނަ މީހުން ހުށަހަޅާފައި ވަނީ ފްލެޓަށް ކަމަށް މުއްތަލިބް ވިދާޅުވިއެވެ.

ދިވެހި ކޮންމެ ދިވެހި ރައްޔިތަކީ ވެސް ބޯހިޔާވަހިކަމުގެ ހައްގު ކަށަވަރުވެފައިވާ ރައްޔިތަކަށް ހެދުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ. ”ބޯހިޔާވަހިކަން އެންމެންނަށް“ގެ ނަން ދީފައިވާ މި ސިޔާސަތުގެ ދަށުން މާލެ ސަރަހައްދުންނާއި ރަސްމާލެ އިން ދޫކުރަން ހަމަޖެހިފައިވަނީ 7،900 ފްލެޓާއި 1،250 އަކަފޫޓުގެ 15,000 ގޯއްޗެވެ.

ފްލެޓުތައް ދިނުމުގައި 15 ކެޓަގަރީއެއް ކަނޑައަލާފައިވާ އިރު، އޭގެ ތެރޭގައި 18 އަހަރުން ދަށުގެ ކުދިން ބަލާ އެކަނިވެރި މައިންނާއި ބަފައިންނަށާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށާއި ޒުވާނުންނާއި ޓެކްސީ ޑްރައިވަރުންނާއި ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ހާއްސަ ކެޓަގަރީއެއް ހިމެނެއެވެ. ހަމައެއާއެކު ޝަރުއީ ދާއިރާގެ މުވައްޒަފުންނާއި މަސްވެރިންނާއި މައިމުޅަވުމުގެ ސަބަބުން ގޯތިގެދޮރު މިލްކުކުރުމުން މަހުރޫމުވެފައިވާ ފަރާތްތަކަގެ އިތުރުން ވެށިފަހި، ހިޔާ މަޝްރޫއު ފްލެޓު ލިބޭނެކަމުގެ ލިޔުން ލިބި ފްލެޓު ހަވާލު ނުކުރި ފަރާތްތައް ވެސް ހިމެެނެއެވެ.

މި މަޝްރޫއުގެ ދަށުން ދޫކުރާ 7900 ފްލެޓްގެ ތެރެއިން މާލޭގެ ރަށްވެހިންނަށް 4,000 ފްލެޓް، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް 1,500 ފްލެޓް އަދި ހާއްސަ އިސްކަންދޭ ކެޓަގަރީތަކަށް 2,400 ފްލެޓް ވަނީ ކަނޑައަޅާފައެވެ. މާލޭގެ ރަށްވެެހިންނަށް ދޭ 4000 ފްލެޓް ބަހާފައިވާ ކެޓަގަރީތަކަށް ބަލާއިރު، މާލޭ ގެއެއްގެ ރަށްވެހިންގެ ރަޖިސްޓަރީގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް 2،200 ފްލެޓް، ވިލިމާލޭގެ ގެއެއްގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް 300 ފްލެޓް، މާލޭ ރަށްވެހިންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް 1،000 ފްލެޓް އަދި ފަހުން މާލޭ ގެއެއްގެ ރަށްވެހިންގެ ރަޖިސްޓަރީގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް 500 ފްލެޓް ހިމެނެއެވެ.

ގޯތި ދޫކުރުމުގެ ތެރޭގައި މާލޭގެ ރަށްވެހިންނަށް 10,000 ގޯތި، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް 3,000 ގޯތި، އަދި މައިމުޅަވެފައިވާ މީހުންނަށް 500 ގޯތި ހިމެނެއެވެ. މީގެ އިތުރުން މާލޭގެ ހަނި ގޯޅިތަކުގައި ހުރި ގޯތިތަކާއި ލާޖައްސައިގެން ގޯތި ބަދަލުކުރާ ފަރާތްތަކަށް 1,500 ގޯތި ވަނީ ހާއްސަ ކޮށްފައެވެ. އަދި ކުރީގެ ސްކީމަކުން 1 ނުވަތަ 2 ކޮޓަރީގެ ފްލެޓް ލިބިފައިވާ މީހުންގެ ތެރެއިން ދަރިން ތިބި މިންވަރަށް ބަލައި، ވަކި ޝަރުތުތަކަކާއެކު 3 ކޮޓަރީގެ ފްލެޓަށް އެދި ހުށައެޅުމުގެ ފުރުސަތު މިސްކީމުގެ ދަށުން ލިބިގެންދާނެއެވެ.

މި ސްކީމްގެ ތެރެއިން ބިމަށް އެދި ހުށަހެޅުމުގެ ސުންގަޑި ހަމަވާނީ މާޗް މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި ފްލެޓަށް އެދި ހުށަހެޅުމުގެ ސުންގަޑި ހަމަވާނީ އޭޕްރިލް 18 ވަނަ ދުވަހުގެ ނިޔަލަށެވެ.