ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ތާރީހެއްގައި ބޭއްވުމަށް ގާނޫނުއަސާސީއަށް ސަރުކާރުން ހުށަހެޅި ބިލު އިތުރު އެއްވެސް ބަދަލެއް ނުގެނެސް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

މަޖިލިސް ޗުއްޓީގައި އޮއްވާ އެ ބިލު ތަޅުމަށް ހުށަހެޅީ މި މަހުގެ 5 ވަނަ ދުވަހުއެވެ. ހަމަ އެ ދުވަހު މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް މި ބިލު ދިރާސާކުރުމަށް ހުށަހެޅިއިރު އިއްޔެ ކޮމިޓީއިން ވަނީ ސަރުކާރުން ހުށަހެޅި ގޮތަށް ބަދަލެއް ނުގެނެސް އެ ކޮމިޓީގައި ބައިވެރިވި ހުރިހާ މެންބަރުންގެ އިއްތިފާގުން ފާސްކޮށްފައެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި އިސްލާހަށް ވޯޓަށް ހުޅުވާލިއިރު، ރިޔާސަތުން ވޯޓަށް އެހުމަށް ފަހު، ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވިދާޅުވީ ރިޔާސަތަށްވެސް މި ވޯޓުގައި ބައިވެރިވެވަޑައިގެންނެވޭ ކަމަށެވެ. އެހެންކަމުން މި ބިލު ފާސްވެފައިވަނީ ވޯޓުގައި ބައިވެރިވި 73 މެންބަރުންގެ ތެރެއިން 72 މެންބަރުންގެ ވޯޓާ އެކުގައެވެ.

ގާނޫނުއަސާސީގައި މަޖިލީހުގެ މެންބަރުން އިންތިހާބު ކުރާ ގޮތް ބަޔާން ކުރާ 72 ވަނަ މާއްދާއަށް އިތުރު ކުރާ އަކުރެއްގެ ގޮތުގައި، މި އިސްލާހު ހުށަހަޅާފައިވާއިރު މި އިސްލާހު ފާސްވެ މި އިސްލާހަށް އަމަލު ކުރަން ފެށުމުން 2028 ގެ ރިޔާސީ އިންތިހާބާ، 2029ގައި ބާއްވާ މަޖިލިސް އިންތިހާބު ބާއްވާނީ އެއް ތާރީހެއްގަައެވެ. އަދި މިހާރު އޮތް މަޖިލީހުގެ ފަސް އަހަރުގެ ދައުރު ޑިސެމްބަރު 2028އަށް ކުރުވެގެން ދާނެއެވެ.