ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ފުލެޓުތައް ކައިރިއަށް ކުނި އަޅާ މައްސަލަ އަދިވެސް ހައްލުނުވާކަމަށް އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް ވިދާޅުވެއްޖެއެވެ.
ހަމްދާން ވިދާޅުވީ ހޮނިހިރު ދުވަހު ސާފުކުރި ތަންތަނަށް ކުނި އަޅާފައިވާ ކަމަށާއި ދިރިއުޅޭ މާހައުލަށް ކުނިއެޅުމަކީ އެކިއެކި ބަލިތަކަށް ހުޅުވާލެވޭ ދޮރެއްކަމަށެވެ. "މިއީ އަޅުގަނޑުމެންގެ ދީނާއި ސަގާފަތާ ވެސް ބީރައްޓެހި ނާތަހުޒީބު އަމަލެއް." ހަމްދާން ވިދާޅުވިއެވެ.
އިތުރަށް ހަމްދާން ވިދާޅުވީ އެފްޑީސީން މި ކުނިތައް ނައްތައިލި ކަމުގައިވިޔަސް، އެގްރިމެންޓުގައިވާ ގޮތާ ހިލާފަށް ކުނިއަޅަމުންދާ ފަރާތްތަކާމެދު ފިޔަވަޅު އަޅަމުންގެންދާނެ ކަމަށެވެ. އަދި ގަވާއިދާ އެއްގޮތަށް ބަލްކް ވޭސްޓް ނައްތައިލަމުން ގެންދަވާ ފަރާތްތަކަށް ޝުކުރު އަދާކޮށް ހަމްދާން ވަނީ ފްލެޓުތަކުގައި ދިރިއުޅޭ ފަރާތްތަކަށް އަމާން ސާފު ވެއްޓެއް ގާއިމް ކުރެވޭނީ އެންމެެންގެ އެއްބާރުލުމާއި އެކުކަން ފާހަގަކޮށްފައެވެ.
އެފްޑީސީ ފުލެޓުތައް ކައިރިއަށް ކުނި އަޅާފައި ހުންނަ ކަމުގެ ޝަކުވާތައް އިތުރުވަމުން އަންނައިރު ހަމްދާންގެ ޕޯސްޓާއެކު އާންމުކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުން އެ ސަރަހައްދަށް އޭސީ ހުސްކުރި ފޮއްޓާ، ގޯންޏާ، ވަކަރުގެ އިތުރުންވެސް އެހެން ސާމާންތައް އުކާލާފައި ހުއްޓާ ފެނެއެވެ.
