ކުރިއަށް އޮތް ހަތަރު ދުވަހުވެސް، ރާއްޖޭގެ ސަރަހައްދަށް ނުރައްކާ މިންވަރަކަށް ވައިނުސާފުވެފައިވާ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.
މެޓުން ބުނީ މިއަދު ރާއްޖޭގެ އުތުރާއި ދެކުނަށް ދުންފުހުގެ އަސަރު ކުރަމުން އަންނަކަމަށާއި ދުރު ފެންނަ މިންވަރު 3 ކިލޯ މީޓަރަށްވުރެ ދަށުން ރިޕޯޓްކޮށްފައިވާކަމަށެވެ.
މެޓުން ވަނީ ކަނޑު ދަތުރުކުރާ މީހުންނާއި ބޭރުގައި ގިނަ ވަގުތު ހޭދަކުރާ މީހުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށާއި އެޗްޕީއޭ އިން ކަނޑައަޅާފައިވާ ގައިޑްލައިންތަކާ އެއްގޮތަށް އަމަލުކުރުމަށް އެދިފައެވެ.
އެގޮތުން އެޗްޕީއޭއިން ވަނީ ވައި ނުސާފު ވަގުތުތަކުގައި ފުއްޕާމޭގެ ބަލިތަކާއި ހިތުގެ ބަލި ނުވަތަ އެލާޖީގެ މައްސަލަތައް ހުންނަ މީހުންގެ އިތުރުން ކުޑަކުދިންނާއި ދޮށީ އުމުރުން މީހުން ބޭރުގައި ގިނަ ވަގުތު ހޭދަ ނުކުރަން އިލްތިމާސްކޮށްފައެވެ.
ރާއްޖެ ސަރަހައްދުގެ ވައިނުސާފު ވެފައިވަނީ، އިރުވައި މޫސުމުގައި ރާއްޖޭގެ އުތުރުން އިންޑިއާ އަދި ހިމާލިޔާ ސަރަހައްދުން އަންނަ ފުސްދުމުގެ ސަބަބުންނެވެ. މި ދުވަސްވަރު ރާއްޖޭގެ ވައި ނުސާފުވުމުގެ ސަބަބުން ވައިގެ މަގުން ދަތުރުފަތުރު ކުރުމުގައިވެސް ގިނަ ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ.
