ކުރިއަށް ރޯދަ މަހު ތިނަދޫގައި ރައްޔިތުންގެ މެދުގައި އިސްލާމީ ރިވެތި އާދަކާދަތަކާއި އުސޫލުތައް އާލާވާން ފުރުސަތު ފަހިކޮށްދިނުމަށް ރޭގަނޑާއި ދުވާލު އެއްވެސް ބާވަތެއްގެ މުނިފޫހި ފިލުވުމުގެ ހަރަކާތެއް ކުޅިވަރެއް ރަށުތެރޭގައި ބާއްވައި އިންތިޒާމްކުރުމަކީ މަނާކަމެއް ކަމުގައި އެ ރަށު ކައުންސިލުން ބުނެފިއެވެ.

ތިނަދޫ ކައުންސިލުން ބުނީ، ރޯދަ މަހުގައި ވީހާ ވެސް ބޮޑަކަށް އަޅުކަމަށް މަގުފަހިކޮށް، ރައްޔިތުންގެ މެދުގައި އިސްލާމީ ރިވެތި އާދަކާދަތަކާއި އުސޫލުތައް އާލާވާން ފުރުސަތު ފަހިކޮށް ދިނުމަށް ކުރާ މަސައްކަތުގެ ތެރެއިން އެ ރަށުގައި ކުޅިވަރުތައް މަނާކޮށް، މުއައްސަސާތަކުން އިތުރު ހަރަކާތްތައް ރާވާއިރު އަޅުކަމަށް މަގުފަހިކުރުމަށް ގޮވާލާ ކަމަށެވެ. އެގޮތުން ދުވާލުގެ ވަގުތުގައި އަދި ހާއްސަކޮށް ރޭގަނޑު، އެއްވެސް ބާވަތެއްގެ ކުޅިވަރެއް ނުވަތަ މުނިފޫހިފިލުވުމުގެ ހަރަކާތެއް އެއްވެސް މިންވަރަކަށް ތިނަދޫގައި ނުހިންގުމަށް ވަނީ އަންގާފައެވެ.

ހަމައެއާއެކު ކްލަބު ޖަމިއްޔާތަކާއި ޖަމާއަަތްތަކަށް އަދި އިޖްތިމާއީ ހަރަކާތްތައް ހިންގުމަށް ކައުންސިލުން ދޫކޮށްފައިވާ ބިންބިމާއި އިމާރާތް ފަދަ ނޫން ތަންތަނުގައި ވެސް، ކުޅިވަރާއި މުނިފޫހިފިލުވުމުގެ ހަރަކާތްތައް އާއްމުންނަށް ހުޅުވާލައިގެން ނުވަތަ އެ ނޫން ވެސް ގޮތަކަށް ނުބޭއްވުމަށް ވަނީ އަންގާފައެވެ. ކުޅިވަރާއި މުނިފޫހި ފިލުވުމަށް ނުފެތޭ ރަސްމީ ހަރަކާތެއް ވިޔަސް، ދީނީ ގޮތުން ބޭނުންތެރި ކަމަކަށް ނުވާ ނަމަ، ދުވާލު ވެސް އަދި ރޭގަނޑު ވެސް ނުބޭއްވުމަސް ވަނީ އެދިފައެވެ.

ރޯދަ މަހާ ގުޅުން ހުރި ކަންކަން ރާވާ ހިންގާ އިރު، އަޅުކަމުގެ ވަގުތަށް ބުރޫނާރާނެ ގޮތަކަށް، ރައްޔިތުންނަށް ބުރައަކަށް ނުވާނެ ގޮތަކަށް އިންތިޒާމްތައް ހަމަޖެއްސުމަށް ކައުންސިލުން ބުނެފައި ވެއެވެ. ސްކޫލުތަކާއި މުއައްސަސާތަކާއި ވިޔަފާރިވެރިންނާއި ކްލަބު ޖަމިއްޔާތަކާއި ރަސްމީ އަދި ނުރަސްމީ ޓީމުތަކާއި ގުރޫޕުތަކުން، ރޯދަ މަހުގެ މަގްސަދު ހާސިލްކޮށްދިނުމަށް އެކަކު އަނެކަކަށް މަގުފަހިވާނެ ގޮތަކަށް ހުރިހާ ކަމެއް ވެސް ތަރުތީބުކޮށް، އިންތިޒާމު ކުރުމަށް ވެސް ބުނެފައި ވެއެވެ.

ނަމަވެސް، ކަސްރަތާއި ސިއްހީ ބޭނުން ތަކަށް ކުޅިވަރުގެ މައިދާންތައް ވަކި ވަގުތުތަކެއްގައި ހުޅުވާފައި ބެހެއްޓޭނެ ކަމަށް އެ ކައުންސިލުން ބުނެއެވެ. އަދި ކައުންސިލްގެ އެންގުމާ އެއްގޮތަށް އެއްބާރުލުން ނުދޭ ފަރާތްތަކާއި، ގަސްތުގައި މިފަދަ އުސޫލުތަކާ ހިލާފަށް އަމަލުތައް ބަހައްޓާ ފަރާތްތަކަށް، ކައުންސިލްގެ ފަރާތުން އެއްބާރުލުން ނުލިބޭނެ ކަމަށް ވެސް ބުނެފައި ވެއެވެ. އަދި ކައުންސިލް އެންގުމާ ހިލާފަށް އަމަލުކުރާ ފަރާތްތަކާ މެދު ފިޔަވަޅު އަޅަން ޖެހޭ ހާލަތްތަކުގައި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް ވަނީ ދީފައެވެ.

ވޭތުވެދިޔަ އަހަރުތަކުގެ ރޯދަ މަހުގައި ވެސް ތިނަދޫ ކައުންސިލުން މި ފަދަ އެންގުންތައް ނެރެފައި ވެއެވެ. އޭރުގެ އެންގންތަކާ ގުޅިގެން ވެސް ބައެއް މީހުންގެ ފާޑުކިޔުންތައް ކައުންސިލަށް ވަނީ އަމާޒުވެފައެވެ.