ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެކުގައި ބާއްވާ ގޮތަށް ގާނޫނުއަސާސީ އިސްލާހު ކުރުމަށް ހުށަހެޅި ބިލަށް އިތުރު ބަދަލެއް ނުގެނެސް ސަރުކާރުން ހުށަހެޅި ގޮތަށް، މަޖިލީހުގެ ތަޅުމަށް ފޮނުވަން މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން މިއަދު ނިންމައިފިއެވެ.
މަޖިލިސް ޗުއްޓީގައި އޮއްވާ އެ ބިލު ތަޅުމަށް ހުށަހެޅީ މި މަހުގެ 5 ވަނަ ދުވަހުއެވެ. ހަމަ އެ ދުވަހު މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް މި ބިލު ދިރާސާކުރުމަށް ވަނީ ފޮނުވާފައެވެ.
ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ހުށަހެޅުއްވި ބިލުގައި ވަނީ މަޖިލިސް މެންބަރުކަމަށް ބޭފުޅުން ހޮވުމަށް ބާއްވާ އިންތިހާބު ބާއްވަން ވާނީ ރައީސް ހޮވުމަށް ބާއްވާ އިންތިހާބާ އެކުގައި ކަމަށެވެ.
ގާނޫނުއަސާސީގައި މަޖިލީހުގެ މެންބަރުން އިންތިހާބު ކުރާ ގޮތް ބަޔާން ކުރާ 72 ވަނަ މާއްދާއަށް އިތުރު ކުރާ އަކުރެއްގެ ގޮތުގައި، މި އިސްލާހު ހުށަހަޅާފައިވާއިރު މި އިސްލާހު ފާސްވެ، އަމަލު ކުރަން ފެށުމުން 2028 ގެ ރިޔާސީ އިންތިހާބާ، 2029ގައި ބާއްވާ މަޖިލިސް އިންތިހާބު ބާއްވަން ޖެހޭނީ އެއް ތާރީހެއްގަައެވެ. އަދި މިހާރު އޮތް މަޖިލީހުގެ ފަސް އަހަރުގެ ދައުރު ޑިސެމްބަރު 2028އަށް ކުރު ކުރުމަށް ބިލުގައި ހިމަނާފައިވެއެވެ.
ދެ އިންތިހާބު އެކުގައި ބޭއްވުމަށް ގާނޫނުއަސާސީއަށް ހުށަހަޅާފައިވާ އިސްލާހާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި ބައްދަލުވުމުގައި ބަންޑާރަނައިބު އަހުމަދު އުޝާމް ވިދާޅުވީ މި ބިލަކީ ސަރުކާރުން ގިނަ މަޝްވަރާތަކާއެކުގައި ހުށަހެޅި ބިލެއް ކަމަށާއި އެފަދަ ވޯޓެއް ނެގުމަށް ގާނޫނީ ހުރަހެއް ނެތް ކަމަށެވެ. އަދި ދެ އިންތިހާބު އެއްކޮށް ބޭއްވުމުން ރައްޔިތުންނަށް ގިނަ ފައިދާތައް ލިބޭނެކަން ބަންޑާރަނައިބު ވަނީ ފާހަގަކުރައްވާފައެވެ.
