އައްޑޫ ސިޓީ ހިތަދޫ ވިޔަފާރި ބަނދަރުގައި ބޮންޑެޑް ޒޯންގެ ހިދުމަތް ގާއިމްކުރުމުގެ އެއްބަސްވުގައި ސޮއިކޮށްފިއެވެ.
އައްޑޫ ހައި ސްކޫލްގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި މޯލްޑިވްސް ޕޯޓްސް ލިމިޓްޑް (އެމްޕީއެލް)ގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޝްވާނެވެ. އަދި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިގްތިސާދީ ތަރައްގީ އާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދެވެ.
މި އެއްބަސްވުމުގެ ދަށުން ހިތަދޫ ވިޔަފާރި ބަނދަރުގައި ކާބޯތަކެއްޗާއި އަސާސީ މުދާ އަދި އެހެނިހެން ބާވަތްތަކުގެ މުދާ ޑިއުޓީ ފްރީކޮށް ބެހެއްޓޭނެ ބޮންޑެޑް ސަރަހައްދެއް ޤާއިމްކުރުމުގެ އިތުރުން ރާއްޖޭގެ ދެކުނުގެ ސަރަހައްދުގައި ހިމެނޭ ރިޒޯޓްތަކަށް އަމާޒުކޮށްގެން ބޮންޑެޑް ވެއާހައުސްގެ ހިދުމަތުގެ އިތުރުން، އިމާރާތްކުރުމަށް ބޭނުންވާ ހިލަ އަދި ހިލަވެލި ފަދަ ބާވަތްތައް ގެނެސް ބަލްކްކޮށް ރައްކާކުރުމަށް ހާއްސަ ކުރެވިފައިވާ ސަރަހައްދެއް ގާއިމްކުރުން ހިމެނެއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ، ރާއްޖޭގެ ސަރަހައްދީ ބަނދަރުތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތެއްގައި ހިފޭނީ މިފަދަ ހިދުމަތްތައް ފޯރުކޮށްދީގެން ކަމަށެވެ. "ބައިނަލްއަގްވަމީ ހިދުމަތް ދޭ ޕޯޓް (އުތުރާއި ދެކުނުގައި) އޮތްއިރު، މިއީ ހަމައެކަނި ސެޓަލައިޓް ދެ ޕޯޓްގައި އޮވެގެނެއް ވިޔަފާރިއެއް ނުއުފެދޭނެ. އެތަންތާ ވިޔަފާރި އުފެދޭނީ ވިޔަފާރި އުފެދޭ ގޮތަށް ކަންތައްތަކެއް ކޮށްގެން،" ސައީދު ވިދާޅުވިއެވެ.
އެމްޕީއެލްގެ ސީއީއޯ ރިޝްވާން ވިދާޅުވީ ސަރަހައްދީ ބަނދަރުތަކުގައި ގިނަ ހިދުމަތްތަކެއް ގާއިމުކުރެވުމަކީ މާލޭ ވިޔަފާރި ބަނދަރަށްވެސް ލިބޭނެ ލުޔެއް ކަމަށެވެ.
ރިޝްވާން ވިދާޅުވީ 2026 ވަނަ އަހަރު ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ގޮތަށް 2027 ވަނަ އަހަރުގެ ނޮވެމްބަރު މަހު މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަސައްކަތްކުރަމުންދާއިރު، ސަރަހައްދީ ބަނދަރުގެ ހިދުމަތްތައް ފުޅާކުރުމަކީވެސް މުހިންމު ކަމެއް ކަމަށެވެ.
މި ހިދުމަތްތަކަކީ ދެކުނުގެ ސަރަޙައްދުތަކުގެ ތަރައްގީގައިވެސް އައްޑޫ ސިޓީން އަދާކުރާ އިސް ދައުރު ފުޅާވެގެން ދިއުމަށް މަގުފަހިވުމުގެ އިތުރުން، ސަރުކާރުން ދެމެހެއްޓެނިވި ތަރައްގީ ފުޑް ސެކިއުރިޓީ، އަދި ވިޔަފާރީގެ ހަރަކާތްތައް މުޅި ރާއްޖެއަށް ފުޅާކުރުމަށް ދެއްވާ އިސްކަން ރަމްޒުކޮށްދޭ މުހިންމު މަޝްރޫއެކެވެ.
އައްޑޫ ސިޓީގައި ކާބޯތަކެއްޗާއި އަސާސީ މުދާ ޑިއުޓީ ފްރީކޮށް ބެހެއްޓުމުގެ ހިދުމަތް މި ހިނގާ ފެބްރުވަރީ މަހުގެ ތެރޭގައި ހިތަދޫ ވިޔަފާރި ބަނދަރުގައި ފަށާނެ ކަމަށް 2026 ވަނަ އަހަރުގެ ރިޔާސީ ބަޔާން އިއްވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ.
