މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް) އިން ފަރުމާކޮށްފައިވާ "މޯލްޑިވްސް ނޭޝަނަލް ލޮޖިސްޓިކްސް" ގެ ހިދުމަތް ރަސްމީކޮށް އިފްތިތާހު ކޮށްފިއެވެ.
މިއީ ދިވެހިރާއްޖޭގެ އިގްތިސޯދު ކުރިއަރުވައި ތަރައްގީ ކުރުމުގެ ގޮތުން، ދެމެހެއްޓެނިވި ވިޔަފާރީގެ އުސޫލުން، އަސާސީ ތަކެތި ހެޔޮ އަގުގައި މުޅި ރާއްޖެއަށް ފޯރުކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން، ދެމެހެއްޓެނިވި ލޮޖިސްޓިކްސް ނެޓްވޯކެއްގެ ހިދުމަތް ދިނުމަށް ފެށި މަސައްކަތެކެވެ.
ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިއަށްދާ "މޯލްޑިވްސް މެރިން އެކްސްޕޯ 2026" ގެ ތެރެއިން މި ހިދުމަތް ރަސްމީކޮށް އިފްތިތާހު ކޮށްދެއްވީ މިނިސްޓާ އޮފް ފިނޭންސް އެންޑް ޕްލޭނިންގް މޫސާ ޒަމީރެވެ.
އެމްޕީއެލް އިން ބުނީ، މޯލްޑިވްސް ނޭޝަނަލް ލޮޖިސްޓިކްސްގެ ހިދުމަތް ރަސްމީކޮށް އިފްތިތާހު ކުރުމުގެ މައިގަނޑު މަގުސަދަކީ ރައްޔިތުންނަށް ބޭނުންވާ އަސާސީ މުދަލާއި ކާޑުގެ ބާވަތްތައް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމުކޮށްފައިވާ ގުދަންތަކަށް ދަތިކަމެއް ނެތި ފޯރުކޮށްދިނުމަށް ކަމަށްވެ. މީގެ އިތުރުން އަސާސީ މުދާލާއި އަދި ސަރުކާރުން ކަނޑައަޅާފައިވާ ކާޑުގެ ބާވަތްތައް ސަރަހައްދީ ގުދަންތަކާއި ހަމައަށް ފޯރުކޮށް ދިނުމަށްޓަކައި، ޝެޑިއުލްކޮށްގެން ކުރާ ދަތުރުތަކާއި، ކޯލްޑް-ޗެއިން ކެޕޭސިޓީ އިތުރަށް ހަރުދަނާ ކުރުން ވެސް ހިމެނޭ ކަމަށް އެ ކުންފުނިން ބުނެއެވެ.
ސަރުކާރުން އެކުލަވާލި ލޮޖިސްޓިކް ނެޓްވޯކް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް އެމްޕީއެލް އާ ހަވާލުކުރީ މިދިޔަ އަހަރު ޑިސެންބަރު މަހުގެ ތެރޭގައެވެ. އެގޮތުން، މި ހިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް، އެމްޕީއެލްއިން ފޯރުކޮށްދެމުންދިޔަ ލޮޖިސްޓިކްސްގެ ހިދުމަތްތައް އިތުރަށް ފުޅާކޮށް، ކުންފުނިން ފޯރުކޮށްދޭ ވަކި ހިދުމަތެއްގެ ގޮތުގައި "މޯލްޑިވްސް ނެޝަނަލް ލޮޖިސްޓިކްސް" ވަނީ ކަނޑައަޅައިފައެވެ.
މި ހިދުމަތުގެ ދަށުން އެމްޕީއެލް އިން އަލަށް ފޯރުކޮށްދިނުމަށް ތައްޔާރުވަމުންދާ ހިދުމަތްތަކުގެ ތެރޭގައި "ޑޮމެސްޓިކް ޓްރާންސްޝިޕްމަންޓް"ގެ ހިދުމަތް ހިމެނެއެވެ. އެގޮތުން މާލޭ ވިޔަފާރި ބަނދަރަށް އަންނަ ޓްރާންސްޝިޕް ކޮންޓޭނަރުތައް، އެމްޕީއެލްގެ އުޅަނދުތަކުން ސަރަހައްދީ ބަނދަރުތަކަށް (ހިތަދޫ ޕޯޓް އަދި ކުޅުދުއްފުށީ ޕޯޓަށް) ސީދާ ފޮނުވައިދެވޭނެ އިންތިޒާމް ހަމަޖެހިގެން ދާނެއެވެ. މިއީ ވިޔަފާރިވެރިންނަށް މުދާ ގެންދިއުމުގެ މަރުޙަލާތަކުގައި ހިނގާ އިތުރު ހަރަދުތައް ސަލާމަތްވެ، މުދާ އަވަހަށް ލިބޭނެ ޚަރަދުކުޑަވާނެ ނިޒާމެކެވެ. މިކަމުގެސަބަބުން ސަރަޙައްދީ ބަނދަރުތަކުގެ ދައުރު މިހާރަށްވުރެ ފުޅާވެ، އިޤްތިޞާދީ ގޮތުން ބޮޑެތި ފައިދާތަކެއް ލިބިގެން ދާނެއެވެ.
އެމްޕީއެލްގެ ޗީފް ލޮޖިސްޓިކްސް އޮފިސާ އަހްމަދު ނާޒިމް ވިދާޅުވި ގޮތުގައި، މި ހިދުމަތުގެ ސަބަބުން ވިޔަފާރިވެރިންނަށް ލިބޭނެ އެންމެ ބޮޑު ފަސޭހަ ކަމަކީ ޝެޑިއުލް ކުރެވިފައިވާ ދަތުރުތަކެއްގެ ތެރެއިން މުދާ ޑެލިވާކުރުމުގެ ހިދުމަތް ލިބުމެވެ. ރަށްރަށަށް މުދާ ފޯރުކޮށް ދިނުމުގައި އެ ސަރަހައްދަކާއި އެންމެ ގާތް ބަނަދަރަށް މުދާ ފޯރުކޮށް ދިނުމުގައި އިތުރު ޕާޓީއެއްގެ އެހީއަކާ ނުލާ އެމްޕީއެލް އިން އެ ހިދުމަތް ފޯރުކޮށްދޭނެ ކަމަށް ނާޒިމް ވިދާޅުވިއެވެ. އަދި އެމްޕީއެލްގެ ފެރީ ނިޒާމްގެ ދަށުން ކަނޑައަޅާފައިވާ ދުވަހަށް މުދާ ރައްޔިތުންނާ ހަމައަށް ފޯރުކޮށްދެވޭނެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.
މި މަސައްކަތް އިތުރަށް ހަރުދަނާކުރުމަށްޓަކައި އިތުރު ލޭންޑިންގް ކްރާފްޓެއް ބަނުމަށް މިހާރު ހަވާލުކޮށްފައިވާ ކަމަށާއި، ކުރިއަށް އޮތް 8 މަސް ދުވަހުގެ ތެރޭގައި މި އުޅަނދު އޮޕަރޭޝަނަށް ނެރެވޭނެ ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.
މީގެއިތުރުން އަލަށް ތައާރަފް ކުރާ ހިދުމަތްތަކުގެ ތެރޭގައި ކޮމާޝަލް ވެއާ ހައުސިން ހިމެނެއެވެ. ތިލަފުށީގައި ގާއިމްކުރާ މި ގުދަންތަކަކީ، ކްލިއަރެންސް ނިމިފައިވާ ވިޔަފާރި މުދާ ރައްކާތެރިކަމާއެކު ބެލެހެއްޓުމަށް ހާއްސަކޮށް ފަރުމާކުރެވިފައިވާ ތަންތަނެވެ. މީގެ އިތުރުން، އެމްޕީއެލް އިން މިހާރު ވެސް ދެމުންގެންދާ "ޕްރޮޖެކްޓް ކާގޯ ހޭންޑްލިން" ހިދުމަތުން ފާއިތުވި 6 މަސް ދުވަހު ރަނގަޅު އާމްދަނީއެއް ލިބިފައިވާ ކަމަށް ނާޒިމް ވިދާޅުވިއެވެ.
އަދި ލޮޖިސްޓިކްސް ސާވިސްގެ ތެރެއިން ބޭރުން އަންނަ ބޮޑެތި އުޅަނދު ފަހަރުތަކަށް އަމާޒުކޮށްގެން ދޭ "ސްޓީވްޑޯރިން" ހިދުމަތާއި، ބޮންޑެޑްވެއާ ހައުސް އަދި "ސީ-ޓު-އެއާ ކާގޯ" ގެ ހިދުމަތްތައް ވެސް ދަނީ ފޯރުކޮށްދެމުން ކަމަށް ނާޒިމް ވިދާޅުވިއެވެ އަދި މި ހިދުމަތްތައް ދުވަހުން ދުވަހަށް އިތުރަށް ފުޅާ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ނާޒިމް ފާހަގަކުރެއްވިއެވެ.
އެގޮތުން ސީ-ޓު-އެއަރ ގެ ކާގޯގެ ހިދުމަތް އިތުރަށް ފުޅާކުރުމުގެ ގޮތުން، މާލޭ ވިޔަފާރި ބަނދަރުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް އެލްސީއެލް މުދާ ހަލުވިކަމާއި ފަސޭހަކަމާއެކު އުފުލައި ދިނުމަށް ފަރުމާކޮށްފައިވާ އާ ދުމަތެއް ވެސް ވަނީ ތައާރަފް ކޮށްފައެވެ. މީގެ އިތުރުން، ބޭނުންވެއްޖެ ހާލަތެއްގައި ބޮންޑަޑް ގުދަނުގައި މުދާ ބެހެއްޓުމުގެ ފުރުސަތު ވެސް މި ހިދުމަތުގެ ދަށުން ލިބިގެންދާނެއެވެ.
މި ހުރިހާ ލޮޖިސްޓިކްސް ހިދުމަތްތަކެއް އެއް ވިއުގައަކުން ގުޅާލައި، މިއަހަރު ނިމުމުގެ ކުރިން މެދުކެނޑުމެއްނެތި ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދެވޭނެ ނިޒާމް ގާއިމްކުރުމަކީ މި ސަރުކާރުގެ އަމާޒެވެ.
މޯލްޑިވްސް ނޭޝަނަލް ލޮޖިސްޓިކްސް އަކީ ރާއްޖެއަށް އިމްޕޯޓް އަދި އެކްސްޕޯޓް ކުރާ މުދަލުގެ އިތުރުން، ރާއްޖޭގެ އެކި ކަންކޮޅުތަކަށް މުދާ އުފުލުމާއި، ގުދަންކުރުމާއި، އަދި މުދާ ފޯރުކޮށް ދިނުމުގެ ހުރިހާ މަރުހަލާއެއް އެއް ވިއުގައަކުން ގުޅާލުމަށް އެމްޕީއެލް އިން ފަރުމާކޮށްފައިވާ ހަރުދަނާ ނިޒާމެކެވެ. މިއާއެކު ރާއްޖޭގައި މުދާ އުފުލުމުގައި ދިމާވާ ގޮންޖެހުންތަކަށް ދާއިމީ ހައްލެއް ހޯދައި، ވިޔަފާރިވެރިންނާއި އާންމު ރައްޔިތުންނަށް ލުއިފަސޭހަ ފުރުސަތުތަކެއް ލިބިގެން ދާނެއެވެ.
