ކުރިއަށް އޮތް ތިން އަހަރު ތެރޭ މަދުވެގެން 10 ރިސޯޓް ސަރުކާރުން ތަރައްގީކޮށް، ފަތުރުވެރިކަމުގެ ސިނާއަތުން ލިބޭ ނަފާ، ކޮންމެ ރައްޔިތެއްގެ ބޭންކު އެކައުންޓަށް އަހަރަކު މަދުވެގެން 400 ޑޮލަރު ޖަމާކޮށްދިނުމަށް ސަރުކާރުން ނިންމައިފިއެވެ.

ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ބައިގަރުނަށް ވުރެ ގިނަ ދުވަސްވީއިރު ވެސް ދިވެހި ހުރިހާ ރައްޔިތުންގެ ޖީބަށް ސީދާ ގޮތެއްގައި އެންމެ ފައިސާއެއް ވެސް ލިބޭނެ މަގެއް އެއްވެސް ސަރުކާރަކުން ފަހިކޮށްދީފައި ނުވާ ކަމަށެވެ.

މި ސިނާއަތަކީ ރާއްޖޭގެ އިގްތިސާދުގައި އެންމެ ބޮޑު ދައުރެއް އަދާކުރާ ސިނާއަތްކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ، ގުދުރަތީ އެސެޓުތަކުގެ ހަގީގީ ވެރިން ކަމުގައިވާ ދިވެހި ހުރިހާ ރައްޔިތުންނަށް އާމްދަނީ ލިބޭނެ ގޮތެއް ނިޒާމީ ގޮތެއްގައި ހަމަޖެހެން ބޭނުންފުޅުވާ ކަމަށެވެ.

އެގޮތުގެ މަތިން މި މަޝްރޫއުގެ ދަށުން ސަރުކާރުގެ ކުންފުންޏެއް މެދުވެރިކޮށް ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި 10 ރިސޯޓެއް ތަރައްގީކުރުމަށް ނިންމާފައިވާ ކަމަށާއި ދިވެހި އައިޑީކާޑު އޮތް ކޮންމެ ރައްޔިތަކީ މި ރިސޯޓުތަކުގެ ހިއްސާދާރަކަށް ވާނެކަން ވަކި ގާނޫނަކުން ކަނޑައަޅާނެ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

"ކޮންމެ ރައްޔިތެއްގެ އެކައުންޓަށް އަހަރު 400 ރުފިޔާ ލިބި، ފަސް މެންބަރުންގެ އާއިލާއަކަށް އަހަރަކު އިރާދަކުރެއްވިއްޔާ 2000 ޑޮލަރު ލިބޭނެ ކަމަށް އަންދާޒާކުރެވޭ,"
ރައީސް

ހަމަ އެހެންމެ ފަތުރުވެރިކަމުގެ ސިނާއަތުގެ ފައިދާ މުޅި ރާއްޖެއަށް ހޯދައި ދިނުމަކީ ސަރުކާރުގެ އެއް އަމާޒުކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ، މިހާތަނަށް ފަތުރުވެރިކަން އެދެވޭ ގޮތެއްގައި ތަރައްގީވެފައި ނުވާ ހަ އަތޮޅުގައި ހަލާލް ޓޫރިޒަމް ހިމެނޭހެން ފަތުރުވެރިކަން ފުޅާ ކުރުމަށް ހާއްސަ އިނާޔަތްތަކާއެކުގައި އިންވެސްޓްމަންޓުތަކަށް ހުޅުވާލެވިފައިވާ ކަމަށެވެ.

މިއީ ރާއްޖޭގެ ތާރީހުގައި ފަތުރުވެރިކަމުގެ ސިނާއަތުގެ ސީދާ މަންފާ ހުރިހާ ރައްޔިތުންނަށް ހަމަހަމަކަމާއެކު ލިބިގެންދާނެ ފުރަތަމަ ފަހަރު ކަމަށާއި މި ނިންމުމަކީ ފަތުރުވެރިކަމުގެ ސިނާއަތުން މުޅި ރާއްޖެއަށް އޭގެ މަންފާ އިތުރުކޮށްދިނުމަށް ސަރުކާރުން ގެންގުޅޭ އަމާޒުގެ ދަށުން ނިންމި ވަރަށް މުހިންމު ނިންމުމެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.