ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެކުގައި ބޭއްވުމާ ގުޅޭގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމަށް ނަގާ ވޯޓު ކުރިއަށް އޮތް ކައުންސިލް އިންތިހާބާއެކު ބޭއްވުމަކީ އެންމެ ރަނގަޅު ގޮތްކަމަށް ގަބޫލުކުރައްވާކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.

ދެ އިންތިހާބު އެކުގައި ބޭއްވުމަށް ގާނޫނުއަސާސީއަށް ހުށަހަޅާފައިވާ އިސްލާހާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި ބައްދަލުވުމުގައި އުޝާމް ވިދާޅުވީ މި ބިލަކީ ސަރުކާރުން ގިނަ މަޝްވަރާތަކާއެކުގައި ހުށަހެޅި ބިލެއް ކަމަށާއި އެފަދަ ވޯޓެއް ނެގުމަށް ގާނޫނީ ހުރަހެއް ނެތް ކަމަށެވެ. އަދި ދެ އިންތިހާބު އެއްކޮށް ބޭއްވުމުން ރައްޔިތުންނަށް ގިނަ ފައިދާތައް ލިބޭނެކަމެއް ކަމުގައި އުޝާމް ވިދާޅުވިއެވެ.

މީގެ އިތުރުން އުޝާމް ވިދާޅުވީ ރައްޔިތުންގެ ހިޔާލު ހޯދުމަށް ނަގާ ވޯޓާ ގުޅޭ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް ވޯޓު ނެގުމަށް މަދުވެގެން 45 ދުވަހުގެ މުއްދަތެއް އިލެކްޝަންސް ކޮމިޝަނަށް ދޭންޖެހޭ ކަމަށެވެ. ހަރަދުތަކަށް ބަލާއިރު އެންމެ ރަނގަޅު ގޮތަކީ ގާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތު ދިނުމަށްފަހު ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބާއެކު، ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު ނެގުން ކަމަށް އުޝާމް ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެކުގައި ބޭއްވުމަށް ނަގާ ވޯޓާ ގުޅޭ ގޮތުން އިލެކްޝަންސް ކޮމިޝަންގެ ރައީސް މުހައްމަދު ޒާހިދު ވިދާޅުވީ އެޕްރީލް 4 ވަނަ ދުވަހު ބާއްވާ އިންތިހާބާއެކު، މައި ދެ އިންތިހާބު އެއްކޮށްލުމާ މެދު އާންމުންގެ ހިޔާލު ހޯދުމުގެ ވޯޓު، އެއް ދުވަހެއްގައި ބޭއްވޭނީ މިމަހުގެ 18 ވަނަ ދުވަހުގެކުރިން މަޖިލީހުން ފާސްކުރަންޖެހޭ ބިލުތައް ފާސްކޮށްގެން ކަމަށެވެ. އަދި އެ މުއްދަތުގެ ތެރޭގައި ރައީސް އެ ބިލުތައް ތަސްދީގުކުރެއްވުމުން ކަމަށެވެ.