ރޯދަ ވީއްލާ ގަޑީގެ އިތުރުން ތަރާވީސް ނަމާދުގެ ފަހުން ކާލުމަށް ވެސް ޗިކަން ޕަނީނީ އަކީ ވަރަށް ކަމުދާނެ ބާވަތެއްގެ ސޭންޑުވިޗެއްކަން ޔަގީނެވެ. މިއީ ކުޑަކުދިންގެ އިތުރުން ބޮޑެތި މީހުންގެ ވެސް ފޭވަރިޓެކެވެ.
އެހެންކަމުން "ޕްރެސް ބަދިގެ" ސެގްމެންޓުގައި މިއަދު މި ގެނެސްދެނީ ރަހަ މީރުކޮށް ފަސޭހައިން ޗިކަން ޕަނީނީ ތައްޔާރުކޮށްލާނެ ގޮތެވެ.
ބޭނުންވާ ތަކެތި:
- 2 ފޮތި ޕަނީނީ ބްރެޑް ނުވަތަ ބޭނުންވާ ކޮންމެ ބާވަތެއްގެ ޕާނެއް
- 1 ޖޯޑު ކުދިކޮށް ކޮށާފައި ހުރި ކުކުޅު
- 2 މޭޒުމަތީ ސަމުސާ މަޔޮނައިޒް
- 1 މޭޒުމަތީ ސަމުސާ ޕެސްޓޯ ސޯސް ނުވަތަ މަސްޓަޑް
- މޮޒަރެއްލާ ޗީޒް
- ފިޔާ، (ކުޑަކޮށް ކޮށާފައި)
- ކެޕްސިކަމް
- ކުޑަ ބަޓަރުކޮޅެއް (ޕާން ފޮތީގައި އުނގުޅުމަށް)
- ލޮނު އަދި އަސޭމިރުސް
ތައްޔާރުކުރާނެ ގޮތް:
އެންމެ ފުރަތަމަ ކުދިކޮށް ކޮށާފައި ހުރި ކުކުޅުކޮޅުގެ ތެރެއަށް މަޔޮނައިޒް، ލޮނު އަދި އަސޭމިރުސް އަޅައިގެން ރަނގަޅަށް އެއްކޮށްލާށެވެ. ޕާން ފޮތިތަކުގެ ބޭރު ފަރާތުގައި ކުޑަ ބަޓަރުކޮޅެއް އުނގުޅާލާށެވެ. މިއީ ޕާން ފޮތި ފިހާއިރު ރީތި ރަންކުލައެއް ގެނައުމަށެވެ. ޕާން ފޮތީގެ އެތެރެ ފަރާތުގައި ޕެސްޓޯ ސޯސް ނުވަތަ މަސްޓަޑް އުނގުޅާލާށެވެ.
ދެން އޭގެ މަތީގައި ތައްޔާރުކުރި ކުކުޅު، ފިޔާ، ކެޕްސިކަމް ފޮތިތައް އަތުރާލާށެވެ. އެންމެ މަތިން ޗީޒް ފޮތިތައް ނުވަތަ ގާނާފައި ހުރި ޗީޒް އެޅުމަށްފަހު އަނެއް ޕާން ފޮތިން ނިވާކޮށްލާށެވެ. ޕަނީނީ ޕްރެސްއެއް ނުވަތަ ގްރިލް ތަވައެއް އުނދުން މައްޗަށް އުދައި ހޫނުކުރާށެވެ. ދެން ތަވަޔަށް ސޭންޑްވިޗް ލުމަށްފަހު، ދެފަރާތް ރަން މުށިކުލަ އަރައި ޗީޒްތައް ދިޔާވަންދެން ފިހާށެވެ.
ޕަނީނީ ޕްރެސްއެއް ނެތް ނަމަ، ތަވައެއްގައި ބޭއްވުމަށްފަހު ބަރު އެއްޗަކުން މަތީގައި ފިއްތާލައިގެންވެސް މިކަން ކުރެވިދާނެއެވެ. ރަނގަޅަށް ފިހެވުމުން ތަވައިން ނަގައި، މެދުން ބުރިކޮށްލާށެވެ.
މިހާރު މިވަނީ ހޫނުކޮށް ކާލަން މީރު ޗިކަން ޕަނީނީ ތައްޔާރުކޮށް ނިމިފައެވެ.
