ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ އެއްވަނަ ހޯދުމަކީ ތާރީހީ ފަހުރެއްކަމުގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ސައުތު އޭޝިއަން ފުޓްބޯޅަ ފެޑެރޭޝަން (ސާފް)އިން ކުރިއަށް ގެންދިޔަ ސާފް ފުޓްސަލްގެ ޗެމްޕިއަންކަން ރާއްޖެއަށް ލިބުމާއި ގުޅިގެން، ޓީމަށް މަރުހަބާ ވިދާޅުވެ ރައީސް ކުރެއްވި ޕޯސްޓުގައިވަނީ ކުޅިވަރުގެ މައިދާނުގައި ދިވެހި ހިތްވަރުގަދަ ދަރީން ހޯދަމުންދާ ރަންވަނަތައް އިތުރުވުމަކީ، ގައުމުގެ މުސްތަގްބަލަށް އުޖާލާކަމެއް ކަމުގައި ސިފަކުރައްވާފައެވެ.
ތައިލޭންޑްގެ ނޮންތަބުރީ ސްޓޭޑިއަމްގައި ކުރިޔަށްދާ ސާފް ފުޓްސަލް ޗެމްޕިއަންޝިޕް 2026 ގައި 7 ގައުމަކުން ވަނީ ވާދަކޮށްފައެވެ. މި މުބާރާތުގެ ޗެމްޕިއަންކަން ލިބެނީ، ކޮންމެ ޓީމަކުން ހަ މެޗު ކުޅެ ނިމޭއިރު އެންމެ މަތިން ޕޮއިންޓު ހޯދާ ޓީމަކަށެވެ.
އެ ގޮތުން މި މުބާރާތުގައި ރާއްޖެއިން މިހާތަނަށް ކުޅުނު ހުރިހާ މެޗަކުން ވެސް މޮޅުވެފައިވާއިރު ދެން ރާއްޖެ ކުޅެން ޖެހެނީ ބާކީ އެއް މެޗުގައެވެ. މިހާތަނަށް ކުޅުނު ފަސް މެޗުން ވެސް މޮޅުވެ ޖުމްލަ 15 ޕޮއިންޓް ރާއްޖެއަށް ލިބިފައިވާއިރު ދެން އެއްވެސް ޓީމަކަށް، ބާކީ މެޗުތައް ހުރި ނަމަވެސް ރާއްޖެއާ ޕޮއިންޓުގެ ގޮތުން އެއް ހަމަ ނުކުރެވޭނެއެވެ.
މިއަދު ބޫޓާނުގެ މައްޗަށް 1-3 އިން ކުރިހޯދައިގެން ރާއްޖެއިން މުބާރާތުގެ ޗެމްޕިއަންކަން ކަށަވަރުކުރިއިރު، މިއީ ރާއްޖެއަށް ފުޓްސަލްގައި ލިބުނު ފަހުރުވެރި ކާމިޔާބީއެއްކަން ފާހަގަކޮށްލެވެއެވެ.
