ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހުންނަ ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ގެ އަމާން ދޯދި ޓަވަރު އެކެއްގައި ގްރައުންޑް ފްލޯގައި ހުރި ކުނިތަކެއްގައި ރޯވެ އިއްޔެ ހިނގި އަލިފާނުގެ ހާދިސާއަށް ފަހު މިހާރު އާންމު ހާލަތަށް ގެނެވިފައި ވާ ކަމަށް ބުނެފިއެވެ..
އެފްޑީސީން ބުނީ އެ ސަރަހައްދު މިހާރު އާންމު ހާލަތަށް ގެނެވިފައި ވާކަމަށާއި، މި ހާދިސާއާއި ގުޅިގެން ޓަވަރުގައި ދިރިއުޅޭ ފަރާތްތަކަށް ހިއްސާ ކުރަން ޖެހޭ މައުލޫމާތު ވައިބާ ގްރޫޕް މެދުވެރިކޮށް ހިއްސާކުރެވިފައި ވާކަމަށެވެ. އެފްޑީސީން ބުނީ އެ ކޯޕަރޭޝަނުން ދަނީ މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު އިތުރަށް ދެނެގަތުމަށް މަސައްކަތް ކުރަމުން ކަމަށާއި، މީގެއިތުރުން މި ހާދިސާގައި އިމާރާތަށް ލިބިފައިވާ ގެއްލުންވެސް ދެނެގަނެ ކުރަން ޖެހޭ މަރާމާތުތައް ކުރުމުގެ މަސައްކަތްވެސް ކުރުމަށް މަސައްކަތް ކުރަމުން ދާކަމަށެވެ.
އިމާރާތުގެ ވެންޓިލޭޝަން ގޮޅިތަކާއި، ކުނި އުކާލާ ނިޒާމާ ގުޅޭގޮތުން ހަގީގަތާއި ހިލާފު ވާހަކަތައް ދައުރުކުރަމުން ދާކަން ފާހަގަކޮށް އެފްޑީސީން ވަނީ މިފަދަ ހާދިސާތަކާއި ގުޅިގެން ކަށަވަރު ނުވާ މައުލޫމާތު ނުފެތުރުމަށްވެސް އިލްތިމާސް ކޮށްފައެވެ. އެފްޑީސީން ބުނީ އެ ކޯޕަރޭޝަންގެ ޕްލެޓްފޯމުތަކުން ހިއްސާކުރަމުންދާ މައުލޫމާތުތަކަށް ރިއާޔަތްކުރުމަށްވެސް އެދިފައެވެ.
މިފަދަ ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށްޓަކައި ކުނި އުކާލަން ހާއްސަކުރެވިފައިވާ ސަރަހައްދު ފިޔަވާ އެހެން ތަންތަނަށް ކުނި އުކުމަކީ މަނާކަމެއް ކަމުގައިވެސް އެފްޑީސީން ވަނީ ބުނެފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުން އިއްޔެގެ ހާދިސާގައި އެ އިމާރާތުގެ ވެންޔަރިންއަށް ބޭނުންކުރާ ބައެއް ހޮޅިތަކަށް ވަނީ ގެއްލުން ލިބިފައެވެ.
