ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ޕީއެންސީން މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ ކެންޑިޑޭޓް ރިޓަޔާޑް މޫސާ އަލީ ޖަލީލް މައްޗަންގޯޅީގެ މެދު ދާއިރާގެ ގެތަކަށް ދޮރުން ދޮރަށް ކެމްޕެއިން މިއަދު ފަށައިފިއެވެ.

މިއަދު ހަވީރު ފެށި މި ދޮރުންދޮރަށް ކެމްޕެއިންގައި މޫސާ ޖަލީލާއެކު ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގައި މައްޗަންގޯޅި ދާއިރާއަށް ވާދަކުރާ ޕީއެންސީގެ ކެންޑިޑޭޓުން ބައިވެރިވެއެވެ. ދޮރުން ދޮރުން ކެމްޕެއިން މިއަދު ހަވީރު 400 ގައި ފަށާފައިވާ އިރު އެންމެ ފުރަތަމަ ޒިޔާރަތްކުރި ގެއަކީ ޗާންދަނީ މަގުގައި ހުންނަ ކޮރޮނެޓްޕީކް ގެއިން ނެވެ.

މި ކެމްޕެއިންގައި މައްޗަންގޯޅީގެ ގެތަކަށް ޒިޔާރަތްކޮށް އެގޭގައި ދިރިއުލޭ މީޙުންގެ ހާލު ބަލައި އެމީޙުންގެ ޝަކުވާތަކާއި ބޭނުންތައް އަޑުއެހުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މައްޗަންގޯޅީގައި ދިރިއުޅޭ ރައްޔިތުންގެ ބޭނުންތައް ގާތުން އަޑޫއަހައި ރައްޔިތުން އެދޭ ގޮތަށް ދާއިރާގެ ކަންކަން ހިންގުމުގެ ވިސްނުން ގެންގުޅޭ ކަމަށް ޕީއެންސީން ބުނެއެވެ.

މާލޭގެ މޭޔަރު ކަމަށް ޕީއެންސީން ވާދަކުރާ ކެންޑިޑޭޓް މޫސާ ޖަލީލަކީ ދިވެހި އަސްކަރިއްޔާގައި ގިނަ ދުވަހު ހިދުމަތް ކުރެއްވި އަދި އެ ހިދުމަތުގެ އެންމެ މަތީ މަގާމު ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމް އަދާ ކުރެއްވި ބޭފުޅެކެވެ. ހަމައެއާއެކު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ޑިފެންސް މިނިސްޓަރުގެ މަގާމު ވެސް އޭނާ ވަނީ އަދާކުރައްވާފައެވެ.

މެޔަރު ކަމަށް ވާދަކުރައްވަން ނިންމެވި ސަބަބު ހާމަ ކުރައްވަމުން މޫސާ ޖަލީލު ވިދާޅުވީ، މަގާމުން ރިޓަޔާވެވަޑައިގެން މާލޭއަށް ދމާވެފައިވާ މައްސަލަތައް އެނގިހުރެމެ ހުންނަން ބޭނުންނުވީ ކަމަށެވެ. ރައީސުލޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މޭޔަރެއްގެ ގޮތުގައި ހުންނެވި ދުަވަސްވަރު ކުރެއްވި މަސައްކަތްޕުޅަކީ ނަމޫނާއެއްގެ ގޮތުގައި ދެކިވަޑައިގެން މާލޭގެ ރައްޔިތުން އެދޭ ގޮތަށް ސަރުކާރާ ގުޅިގެން މަސައްކަތް ކުރައްވާނެ ކަމަށް މޫސާ ޖަލީލް ވަނީ ވިދާޅުވެފައެވެ. ހަމައެއާއެކު ރައީސްގެ އިރުޝާދާ އެއްގޮތަށް މާލޭގެ ރައްޔިތުންގެ ހިތަތއް ފަތަހަ ކުރާނީ ލޯތްބާއި ކުލުނާއި އޯގާތެރިކަމުގެ މަގުން ކަމަށް ވެސް މޫސާ ޖަލީލް ވަނީ ވިދާޅުވެފައެވެ.

އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިންގެ ތެރެއިން ދޮރުން ދޮރަށް ކެމްޕެއިން ފަށާފައި ވަނީ އިއްޔެއެވެ.