ސިޔާސީ ގޮތުން ހިޔާލު ފާޅުކުރުމުގައި އިސްލާމްދީނުގެ ހުކުމްތަކާއި ރުކުންތަކަށް އިހުތިރާމް ކުރަންޖެހޭ ކަމަށް އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޝަހީމް މިފަދައިން ވިދާޅުވެފައި މިވަނީ 'އަދަދު' ނޫހުން ގެނެސްދޭ "ސިޔާސީ ކާޓޫން" ސެގްމެންޓް ހުއްޓާލުމަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން އަންގާފައިވާ ދަނޑިވަޅެއްގައެވެ.

އެގޮތުން އިސްލާމްދީނުގެ އެންމެ މަތިވެރިވެގެންވާ އަޅުކަން ކަމަށްވާ ނަމާދުގެ ރުކުނެއް ކަމަށްވާ ސަޖިދަ، މަކަރާއި ހީލަތް ގުޅުވޭހެން ދޭހަވާ ގޮތަށް ޝާއިއުކޮށްފައިވާ ކޮންޓެންޓުގައި އިސްލާމްދީނުގެ އަސާސްތަކަށް ފުށޫއަރާ ކަންތައްތަކެއް ހުރި ކަމަށް ތުހުމަތު ކުރެވޭތީ އެ މައްސަލަ ބްރޯޑްކާސްޓިން ކޮމިޝަނުން ދަނީ ބަލަމުންނެވެ.

އެކަމާ ގުޅިގެން ޝަހީމް މިއަދު އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ހިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ އިސްލާމްދީނުގައި މަތިވެރި މަގުސަދަކަށްޓަކައި ހިމާޔަތްކޮށްފައިވާ މިނިވަންކަމެއް ކަމަށެވެ. އަދި އެއީ މަތިވެރި ހައްގެއް ނަމަވެސް ސިޔާސީ ގޮތުން ހިޔާލު ފާޅުކުރުމުގައި އިސްލާމްދީނުގެ ހުކުމްތަކާއި ރުކުންތަކާއި ޝިއާރުތަކަށް އިހުތިރާމްކުރަންޖެހޭނެ ކަމަށް ޝަހީމް ވިދާޅުވިއެވެ.

ރާއްޖޭގެ ގާނޫނު އަސާސީގައި ހިޔާލުފާޅުކުރުގައި ދީފައިވާ މިނިވަންކަމުގެ ރޫހަކީ ވެސް އެއީ ކަމަށާއި އިސްލާމްދީނުގެ ހުކުމްތަކާއި ރުކުންތަކާއި ޝިއާރުތަކަށް އެންމެހައި މުސްލިމުން އިހުތިރާމްކުރަންވާނެ ކަމަށް ޝަހީމް ވިދާޅުވެފައި ވެއެވެ.

ކާޓޫން ސެގްމެންޓާ ގުޅިގެން ބްރޯޑްކާސްޓިންގް ކޮމިޝަންގެ ތުހުމަތުތައް ދިފާއުކޮށް 'އަދަދު' ނޫހުން ނެރުނު ބަޔާނެއްގައި ބުނީ، އެ ނޫހުން ޝާއިއުކުރި ކާޓޫނުގައި ދައްކަނީ މިސްކިތުގައި ނަމާދަށް ހުރި މީހަކު އިމާމު މީހާގެ ޖީބުން ފައިސާ ވަގަށް ނަގާ މަންޒަރު ކަމަށެވެ. އަދި އެފަދަ ކާޓޫނެއް އުފައްދާފައި ވަނީ ރާއްޖޭގައި ވައްކަން ކުރުން އާންމުވެފައިވާ މިންވަރަށް ބަލާއިރު، މިސްކިތުން ވެސް ވައްކަން ކުރުމަކީ ދިވެހި މުޖުތަމައުގައި ހިނގަމުންދާ ކަމެއްކަން، އާދަވެ މިސްކިތަށް ވަޑައިގަންނަވާ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ކަމެއް ކަމަށެވެ.

އަދި ކާޓޫނަކީ އިސްލާމްދީނަށް ނުވަތަ ދީނުގެ ޝިއާރަކަށް ތަހުނީނުކުރުމުގެ ގޮތުން ޝާއިއުކުރި ކާޓޫނެއް ނޫންކަން ފާހަގަކޮށް، އެ އެ ކާޓޫނުން އެފަދަ ދޭހައެއް ކުރެވޭނެ ހަަމައެއް އޮތް ކަމަށް ނުވިސްނޭ ކަމަށް ވެސް އެ ނޫހުން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.