ދ. ހުޅުދެލީ ސިއްހީ މަރުކަޒަށް އަލަށް އިތުރު ކުރެވޭ އިމާރާތުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު މިއަދު ހުޅުދެލީގައި ބާއްވައިފިއެވެ.
މި މަޝްރޫއުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ހެލްތް މިނިސްޓަރު އަބްދުالله ނާޒިމް އިބްރާހީމެވެ. މި ރަސްމިއްޔާތުގައި އެމްޓީސީސީގެ ޗީފް އޮޕަރޭޓިން އޮފިސާ ސިނާން އަލީ އާއި ހުޅުދެލީ ކައުންސިލް މެންބަރުން އަދި ސަރުކާރުގެ އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
މި މަޝްރޫއުގެ ދަށުން 4905 އަކަފޫޓުގެ އިމާރާތެއް ސިއްހީ މަރުކަޒަށް އަލަށް އިތުރުކުރަން ނިނާޟާފައި ވެއެވެ. މި މަޝްރޫއުގެ ދަށުން ކުރާ މަސައްކަތްތަކުގެ ތަފްސީލަށް ބަލާލާއިރު، ވަށާފާރަކާއި، ޕޯޓިކޯއަކާއި، 225 އަކަފޫޓުގެ ބޭސް ފިހާރައެއް ހެދުމަށް ވަނީ ހަމަޖެހިފައެވެ.
މިއީ 10.06 މިލިއަން ރުފިޔާއަށް 720 ދުވަސް ތެރޭ ނިންމަން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.
އެމްޓީސީސީ އިން ބުނީ، 990 މީހުންގެ އާބާދީއެއް އޮންނަ ހުޅުދެލީގައި ބިނާކުރާ ސިއްހީ މަރުކަޒުގެ އާ އިމާރާތް ނިމުމާއެކު ހުޅުދެލީން ލިބޭ ސިއްހީ ފަރުވާ ފުޅާވޭ ހުޅުދެލީ ރައްޔިތުންނަށް އަމިއްލަ ރަށުގައި ތިބެގެން ވަރަށް ގިނަ ސިއްހީ ކަންކަމަށް ފަރުވާކުރުމުގެ މަގުފަހިވެގެންދާނެ ކަމަށެވެ. މިއީ އެ ރަށު ރައްޔިތުންނަށް ވަރަށް ބޮޑު ލުއި ފަސޭހައެއް ލިބިގެންދާނެ ކަމެއް ކަމަށް އެމްޓީސީސީ އިން ބުނެއެވެ.
