މަސައްކަތުގެ މާހައުލުގައި އުޅެނިކޮށް ފިޓު ޖެހިގެން ނިޔާވި އެމްޕީއެލްގެ މުވައްޒަފު އަދި ދިވެހިބަސް އުނގަންނައި ދެއްވުމާއި ބަސް ކުރިއެރުވުމުގައި ދިގު މުއްދަތަކަށް ހިދުމަތް ކޮށްދެއްވި އައިމިނަތު ހަސަން (އައިންތު މިސް) ގެ އާއިލާއަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ތައުޒިޔާ ފޮނުއްވައިފިއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ އެ އާއިލާއަށް، އަދި ތައުލީމާއި ބަހާއި އަދަބިއްޔާތުގެ ދާއިރާގައި މަސައްކަތްކުރައްވާ ހުރިހާ ބޭފުޅުންނަށް ތައުޒިޔާ ދަންނަވާފައެވެ.

ރައީސް ވަނީ މަރްހޫމާއަށް މާތްﷲގެ ތަނަވަސް ރަހުމަތް މިންވަރުކުރައްވައި، ސުވަރުގޭގެ ދާއިމީ ނިއުމަތް ދެއްވުން އެދި ދުއާކުރައްވާފައެވެ.

އައިންތު މިސްގެ އިތުރުން ރައީސް ވަނީ އެކްސްގައި ޕޯސްޓެއް ކުރައްވާ ވަޒީފާގެ ވާޖިބު އަދާކުރަމުން ދަނިކޮށް ނިޔާވި ހިތާމަވެރި ހާދިސާއާ ގުޅިގެން، އެމްޕީއެލްގެ މުވައްޒަފުގެ އާއިލާއާއި އެމްޕީއެލްގެ މުވައްޒަފުންނަށް ތައުޒިޔާ ފޮނުއްވާފައެވެ.

ނިޔާވެފައިވަނީ އެމްޕީއެލްގެ މުވައްޒަފެއް ކަމަށްވާ އަމީން އަބްދުލްހަމީދެވެ. އޭނާ ޑިއުޓީގައި ހުއްޓާ ފިޓު ޖެހި، އިތުރު ފަރުވާއަށް އައިޖީއެމްއެޗަށް ގެންދިޔަ ކަމަށާއި ނިޔާވީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުންދަނިކޮށް ކަމަށް އެމްޕީއެލްއިން ބުނެފައިވެއެވެ. އުމުރުން 30 އަހަރުގައި އަމީން ނިޔާވިއިރު މަސައްކަތްކުރަމުން ދިޔައީ އެމްޕީއެލްގެ ފްލީޓް ސަރވިސް ޑިޕާޓްމަންޓްގެ މެރިން ކްރާފްޓް ސެކްޝަންގެ ސީނިއަރ ޑެކް ހޭންޑެއްގެ މަގާމުގައި ކަމަށް ވެސް އެމްޕީއެލްއިން ބުނެފައިވެއެވެ.