މާލޭގެ ބާޒާރުމަތީ ސަރަހައްދުގެ މަގު ހެދުމުގެ މަޝްރޫއުގެ ދަށުން، ޝީޓް ޕައިލިންގެ 65 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށް އެމްޓީސީސީ އިން ބުނެފިއެވެ.

އެމްޓީސީސީން ބުނީ، ބޮޑުތަކުރުފާނު މަގު ހެދުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ތާވަލާ އެއްގޮތަށް ކުރިއަށް ދާ ކަމަށެވެ. އެގޮތުން މަގުގެ އިމާރާޓްތައް ހުންނަ ފަރާތުގެ ދުވާރު އެޅުމުގެ މަސައްކަތް ނިމި، ޝީޓް ޕައިލް ކުރުމުގެ މަސައްކަތުގެ 65 ޕަސެންޓް ނިމިފައިވާ ކަމަށް އެމްޓީސީސީ އިން ބުނެއެވެ އެގޮތުން ޝީޓް ޕައިލިން މަސައްކަތުގެ 168 މީޓަރު އިންސްޓޯލް ކޮށްފައިވާ ކަަމަށް އެ ކުންފުނިން ބުނެއެވެ.

ހަމައެއާއެކު ސްޓޯމް ވޯޓާ ކެޗްމަންޓް ޕިޓްތަކާއި ކޭބަލް ޖަންކްޝަން އިންސްޓޯލްމަންޓްގެ މަސައްކަތުގެ 90 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށް އެމްޓީސީސީ އިން ބުނެއެވެ. މި މަޝްރޫއުގެ މަސައްކަތުގެ ތެރެއިން މިހާރު ކުރިއަށް ދަނީ ބިން ހިއްކުމާއި، އެންކާ ބްލޮކް އިންސްޓޯލްކުރުމުގެ މަސައްކަތް ކަމަށް އެ ކުންފުނިން ބުނެއެވެ.

މި މަޝްރޫއުގެ ދަށުން މާލޭގެ ލޯކަލް މާރުކޭޓް ސަރަހައްދުން ފެށިގެން ނޯތު ހާބަރާ ހަމައަށް 250 މީޓަރުގެ ސަރަހައްދެއްގައި ތާރު އަޅައިގެން ތަރައްގީ ކުރުމަށް ހަމަޖެހިފައި ވެއެވެ. އަދި އެއްގަމު ތޮށި 6 މީޓަރަށް ބޭރަށް ޖައްސައި، މަގު ފުޅާކުރުމަށް ހަމަޖެހިފައި ވެއެވެ.

މި މަޝްރޫހަ ނިމުމުން ބާޒާރުމަތީ ސަރަޙައްދުގެ މަގުތަކަކީ ދެކޮޅަށް ދުއްވޭ، ހިނގާ މީހުންނަށް އަމާން އަދި ފެންބޮޑުވުމުގެ މައްސަލައަށް ހައްލެއް ލިބިފައިވާ ޒަމާނީ މަގުތަކަކަށް ވެގެންދާނެ ކަމަށް އެމްޓީސީސީން ބުނެއެެވެ.

ބޮޑުތަކުރުފާނު މަގު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ނޯތު ހާބަރާ ހަމައަށް ޖުމްލަ 1088 މީޓަރުގެ ސަރަހައްދެއް ތަރައްގީ ކުރުމަށް ވަނީ ހަަމަޖެހިފައެވެ. މީގެ ތެރެއިން ފުރަތަމަ ފިޔަވަހީގެ 140 މީޓަރުގެ މަސައްކަތް މިހާރު ވަނީ ނިންމާލާފައެވެ. އެއީ އެއް ނަންބަރު ޖެޓީއިން ފެށިގެން އެމްއެމްއޭ އާ ދެމެދުގައިވާ ސަރަހައްދެވެ.

އެ މަސައްކަތް ނިމުމަށް ފަހު މިދިޔަ މަހުގެ 9 ވަނަ ދުވަހުން ފެށިގެން މި ވަނީ ލޯކަލް މާރުކޭޓާ ދިމާއަށް އޮތް ސަރަހައްދުގެ މަގު ހެދުމުގެ މަސައްކަތް ފަށާފައެވެ. އެމްޓީސީސީގެ އަމާޒަކީ ރޯދަ މަހުގެ ކުރިން މަގު ހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްތައް ނިންމައި އާންމުންނަށް ހުޅުވާލުމެވެ.