ސަރުކާރު ހިންގާ މައި ޕާޓީ، ޕީއެންސީގެ ފަރާތުން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭ ސަރަހައްދުން ވާދަ ކުރާ ފަރާތްތަކަށް ތާއީދު ހޯދުމަށް މާލޭގައި 'ދޮރުންދޮރަށް ހިނގުން' ކެމްޕެއިން ފަށައިފިއެވެ.

އެ ޕާޓީން ބުނީ، މިއީ މާލެ ސިޓީގެ މޭޔަރު ކެންޑިޑޭޓް އަދި އެ ޕާޓީގެ ފަރާތުން މާލެ ސިޓީގެ އތމ ކޮމިޓީގެ ރައީސާކަމަށް ވާދަކުރައްވާ އާއިޝަތު އަލައިކާ އަދުނާން ގެ އިތުރުން 2026 ވަނަ އަހަރުގެ ގެ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ކޮންގްރެސް ޕާޓީގެ ޓިކެޓުގައި ވާދަކުރާ މާލެ ސިޓީގެ ހުރިހާ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް ކުރިއަށްގެންދާ ހަރަކާތެއް ކަމަށެވެ.

މިއަދު ހެނދުނު 09:00ގައި މި ހަރަކާތް ފަށާފައި ވަނީ ކޮންގްރެސް ޕާޓީގެ މައި ޖަގަހަ، ހ. ވެޔޮވިލާއިންނެވެ.

ޕީއެންސީން ލޯކަލް ކައުންސިލް އިންތިހާބުގެ ޕްރައިމަރީ ބާއްވާފައި ވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހުއެވެ. އެ ޕްރައިމަރީގައި ޖުމްލަ 308 ކެންޑިޑޭޓުން ވާދަކުރިިއިރު އޭގ ތެރޭގައި ހިމެނެނީ ކައުންސިލްތަކަށް ވާދަކުރި 183 މީހަކާއި އަންހެނުންގެ ކޮމިޓީތަކަށް ވާދަކުރި 121 މީހުންނެވެ.

އަންނަ އޭޕްރީލް 4 ދުވަހު ބާއްވަން ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ވަނީ ސަރުކާރަށް ތާއީދުކުރަން ނިންމާފައެވެ. އިދިކޮޅު އެމްޑީޕީގެ ޕްރައިމަރީ ނިމިފައިވާއިރު ދަ ޑިމޮކްރެޓްސް އިން ވެސް ވަނީ އެ ޕާތީގެ މެންބަރުންނަށް ކައުންސިލް އިންތިހާބުގައި ވާދަކުރުމަށް ފުރުސަތު ހުޅުވާލާފައެވެ.

މީގެ އިތުރުން ޕީއެންއެފް އިން ވެސް މި އިންތިހާބުގައި ވާދަކުރާ އިރު މިހާރު ވާދަކުރާ ސިޔާސީ ޕާޓީތަކުން ވަނީ ކެމްޕެއިންގެ މަސައްކަތް ފޯރިއާ އެކު ފަށާފައެވެ.