ރާއްޖޭގެ ކޮންޓެންޓް ކްރިއޭޓަރުންނަށް ޓިކްޓޮކުން އާމްދަނީ ހޯދޭނެ ގޮތްތަކާ ގުޅޭގޮތުން ޓިކޮޓޮކްގެ އިސްވެރިންނާއި، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ބައްދަލުކުރައްވާ މަޝްވަރާކުރައްވައިފިއެވެ.

ސްވިޒަލޭންޑުގެ ދާވޯސްގައި ކުރިއަށްދާ ވޯލްޑް އިކޮނޮމިކް ފޯރަމް (ޑަބްލިއުއީއެފް) ގެ ތެރެއިން، މިނިސްޓްރު ސައީދު ވަނީ ޓިކްޓޮކްގެ މެޓަޕްސާ ސަރަހައްދުގެ ގަވާމަންޓް ރިލޭޝަންސް އެންޑް ޕަބްލިކް ޕޮލިސީގެ އިސްވެރިޔާ އެމީރު ގެލެންއާ ބައްދަލުކުރައްވާފައެވެ.

މި ބައްދަލުވުމާ ގުޅޭ ގޮތުން މިނިސްޓްރު ވިދާޅުވީ ދިވެހި ކޮންޓެންޓް ކްރިއޭޓަރުންނަށް ޓިކްޓޮކް މެދުވެރިކޮށް އާމްދަނީ ހޯދޭނެ ނުވަތަ މޮނަޓައިޒް ކުރެވޭނެ ފުރުސަތުތައް ފަހިކޮށްދިނުމާއި ގުޅޭގޮތުން މަޝްވަރާކުރެވިގެންދިޔަ ކަމަށެވެ. އަދި މިފަދަ ބައިނަލްއަގުވާމީ ޕްލެޓްފޯމްތަކާއެކު ގާއިމުކުރެވޭ ގުޅުންތަކުގެ ސަބަބުން ދިވެހި އުފެއްދުންތެރިންނަށް ދުނިޔޭގެ ބާޒާރުގައި ފުރުސަތުތައް ފަހިވެ، އިގްތިސާދީ ގޮތުން ކުރިއެރުންތައް ލިބިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ޓިކްޓޮކުން ރާއްޖެއަށް އެންމެ ފައިދާހުރިގޮތް ހޯދުމަށްޓަކައި ރީޖަނަލް އޮފީސްތަކާވެސް ވާހަކަދައްކަން ފަށާފައިވާކަން ހާމަކުރައްވަމުން މިނިސްޓްރު ވިދާޅުވީ މި މަސައްކަތުގެ ދަށުން ކުރިއަށް އޮތް ތަނުގައިވެސް ޓިކްޓޮކާއެކު ގާތް ގުޅުމެއް ބާއްވައި، އަމަލީ ނަތީޖާއަކާ ހަމައަށް ދިއުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އެކަން ކުރާއިރު ޗައިނާގެ ސަރުކާރުގެ އެހީތެރިކަމަށްވެސް މިހާރު އެދިފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ ކުރިންވެސް ޓިކްޓޮކްގެ ވަފުދެއް ރާއްޖެއަށް ޒިޔާރަތްކޮށްފައިވާއިރު އިކޮނޮމިކް މިނިސްޓްރީން ވަނީ މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ މެނިފެސްޓޯގައި ހިމެނޭ ވައުދުތަކާ އެއްގޮތަށް ދިވެހި ޒުވާނުންނާއި އުފެއްދުންތެރިންނަށް ޑިޖިޓަލް ޕްލެޓްފޯމްތަކުން މަންފާ ހޯދައިދިނުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތެއްކަން ފާހަގަކޮށްފައެވެ.