ދިވެހިރާއްޖޭގެ ތަރައްގީގެ މުހިންމު ދާއިރާތަކުން އެއްބާރުލުން އިތުރު ކުރުމަށާއި، މޫސުމީ ބަދަލުތަކުން އަރައިގަތުމަށް އެހީތެރިވުމުގެ ގޮތުން ދިވެހި ސަރުކާރާއި އޯޕެކް ފަންޑް ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓާ ދެމެދު ކަންޓްރީ ޕާޓްނާޝިޕް ފްރޭމްވޯކެއްގައި މިއަދު ސޮއި ކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީން ބުނީ، މި އެއްބަސްވުމުގެ ދަށުން މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ކުރެވޭ މަސައްކަތްތަކާއި، ދެމެހެއްޓެނިވި އުމްރާނީ ތަރައްގީ އާއި، އިއާދަކުރަނިވި ހަކަތައާއި، މާލީ ދާއިރާގެ ހަމަޖެހުމުގެ އިތުރުން ރަށްރަށުގެ އުމްރާނީ ތަރައްގީއަށް ހާއްސަ އިސްކަމެއް ދެވޭނެ ކަމަށެވެ. މި ފްރޭމްވޯކަކީ އޯޕެކް ފަންޑުން ދޭ މާލީ އަދި ފަންނީ އެހީތެރިކަން ރާއްޖޭގެ ގައުމީ ތަރައްގީގެ ސިޔާސަތުތަކާ އެއްގޮތަށް ބައްޓަންކުރުމަށް އެކުލަވައިލެވުނު އޮނިގަނޑެއް ކަމަށާއި މީގެ މައިގަނޑު މަގްސަދަކީ އަތޮޅުތަކުގެ އުމްރާނީ ތަރައްގީ ފުޅާކޮށް، ސަރަހައްދީ ތަރައްގީގެ ހަމަހަމަކަން ގާއިމުކުރުމާއި ދިގު މުއްދަތުގެ އިގްތިސޯދީ ކުރިއެރުން ކަށަވަރު ކުރުން ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
މި އެއްބަސްވުމުގައި ސޮއިކުރެއްވީ އޮސްޓްރިއާގެ ވިއޭނާގައި ހުންނަ އޯޕެކް ފަންޑުގެ މައި މަރުކަޒަށް ފިނޭނސް މިނިސްޓަރު މޫސާ ޒަމީރު މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުގެ ތެރެއިންނެވެ. މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ، މިއީ އޯޕެކް ފަންޑާއި ރާއްޖެއާ ދެމެދު އޮތް ގުޅުން އިތުރަށް ހަރުދަނާވެގެން ދިޔަ މުހިންމު ފިޔަވަޅެއް ކަމަށެވެ. ރަށްރަށުގެ އުމްރާނީ ތަރައްޤީއަށް ކުރެވޭ އިންވެސްޓްމަންޓްތަކުގެ ސަބަބުން ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރަށާއި ރަށު ފެންވަރުގެ އިގްތިސޯދުތަކަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް ވެސް ޒަމީރު ވިދާޅުވިއެވެ.
"މި އައު ކަންޓްރީ ޕާޓްނާޝިޕް ފްރޭމްވޯކުން ހާމަވެގެންދަނީ މޫސުމީ ބަދަލުތަކަށް ތައްޔާރުވެފައިވާ، ދެމެހެއްޓެނިވި އުމްރާނީ ވަސީލަތްތަކެއް ގާއިމު ކުރުމަށާއި، ރާއްޖޭގެ މާލީ ދާއިރާގެ ހަމަޖެހުން ދެމެހެއްޓުމަށް އަޅުގަނޑުމެން ދޭ އަހައްމިއްޔަތުކަން. މީގެ އިތުރުން ރަށްރަށުގެ އުމްރާނީ ތަރައްގީ ފުޅާކުރުމަށް ސަރުކާރުން ކުރާ މަސައްކަތްތަކަށް ވެސް މީގެ ސަބަބުން ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ. މިއީ ދަތުރުފަތުރާއި، ހިދުމަތްތައް ފޯރުކޮށްދިނުމާއި، ރަށްރަށުގެ ފެންވަރުގައި އިގްތިސޯދީ ފުރުސަތުތައް ފަހިކޮށްދިނުމަށް ނުހަނު ބޭނުންތެރި ކަމެއް،" މިނިސްޓަރު ޒަމީރު ވިދާޅުވިއެވެ.
ތަރައްގީ ވަމުންދާ ކުދި ޖަޒީރާ ގައުމެއްގެ ހައިސިއްޔަތުން، މޫސުމީ ބަދަލުތަކާއި ބޭރުގެ އެކި ގޮންޖެހުންތަކާ ކުރިމަތިލާންޖެހޭ ކަމަށާއި ބަނދަރުތަކާއި، ދަތުރުފަތުރުގެ ނިޒާމާއި، ފެނާއި ނަރުދަމާގެ އިތުރުން އިއާދަކުރަނިވި ހަކަތަ ފަދަ މުހިންމު މަޝްރޫއުތަކަށް ބޭނުންވާ ދިގު މުއްދަތުގެ ލުއި ލޯނު ހޯދުމަށް މިފަދަ ގުޅުންތަކަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް ޒަމީރު ވިދާޅުވިއެވެ. މި އިންވެސްޓްމަންޓްތަކުގެ ސަބަބުން ގައުމުގެ ވިލުންވެރިކަން އިތުރުވެ، އިގްތިސޯދީ ހަރަކާތްތައް ފުޅާވެ، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުވެގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން، ވޭތުވެދިޔަ މުއްދަތުގައި ރާއްޖޭގެ އިޖުތިމާއީ އަދި އިގްތިސޯދީ ތަރައްގީއަށް އޯޕެކް ފަންޑުން ދެމުންދާ އެއްބާރުލުމަށް ވަޒީރު ޝުކުރު އަދާކުރެއްވިއެވެ. 1977 ވަނަ އަހަރުން ފެށިގެން އޯޕެކް ފަންޑަކީ ރާއްޖޭގެ ތަރައްގީގެ އިތުބާރު ހުރި ބައިވެރިއެއް ކަމަށާއި ފެނާއި ނަރުދަމާ، ދަތުރުފަތުރު، ސިއްހަތު، ތައުލީމު އަދި މަސްވެރިކަމުގެ ދާއިރާގެ މުހިންމު މަޝްރޫއުތަކަށް އެ ފަންޑުން ވަނީ ބޮޑެތި އެހީތަކެއް ދީފައި ކަން ޒަމީރު ފާޙަގަކުރެއްވިއެވެ.
މި ދަތުރުގެ ތެރެއިން ބޭއްވި ބައްދަލުވުންތަކުގައި، ރާއްޖޭގެ އިގްތިސޯދީ އަދި މާލީ ހާލަތާއި، މޫސުމީ ބަދަލުތަކަށް ބޭނުންވާ މާލީ އެހީތެރިކަމާ ގުޅޭގޮތުން ވަނީ މަޝްވަރާ ކޮށްފައެވެ. އޯޕެކް ފަންޑުން ވަނީ އެ ފަންޑުގެ ސިޑްސް އިނީޝިއޭޓިވް އަދި ގްރީން-ބްލޫ ކަނެކްޓް ޕްރޮގްރާމްގެ ދަށުން ދިވެހިރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ދެމިތިބޭނެކަމުގެ ޔަގީންކަން ދީފައެވެ.
