މިދިޔަ އަހަރުގެ ނިޔަލަށް ދައުލަތުގެ ބަޖެޓަށް ލިބުނު އާމްދަނީ އާއި ހަރަދުތައް ދައްކުވައިދޭ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓުން ދައްކާ ގޮތުގައި، ދައުލަތަށް ލިބުނު އާމްދަނީ އިތުރުވެ، ޖުމްލަ ހަރަދުތައް ކުޑަވުމާ ގުޅިގެން ދައުލަތުގެ އޯވަރޯލް ޑެފިސިޓް ވަނީ 2024 ވަނަ އަހަރާ އަޅައިބަލާއިރު 9.6 ބިލިއަން ރުފިޔާއިން ދަށްވެފައެވެ. މިއީ ކުރީ އަހަރާ އަޅައިބަލާއިރު 73.5 ޕަސެންޓްގެ ދަށްވުމެކެވެ.

މިދިޔަ އަހަރުގެ ނިޔަލަށް ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީ އާއި ހިލޭ އެހީގެ މިންވަރު ވަނީ 39.6 ބިލިއަން ރުފިޔާއަށް އަރާފައެވެ. މިއީ 2024 ވަނަ އަހަރުގެ އެ މުއްދަތުގައި ލިބުނު 35.1 ބިލިއަން ރުފިޔާއާ އަޅާބަލާ އިރު 12.9 ޕަސެންޓްގެ ކުރިއެރުމެކެވެ.

އެ އަހަރަށް އަންދާޒާކޮށްފައިވާ އާމްދަނީ އާއި ހިލޭ އެހީއަކީ 39.8 ބިލިއަން ރުފިޔާއަށް ވީއިރު، ހިލޭ އެހީގެ ގޮތުގައި 2.6 ބިލިއަން ރުފިޔާ ލިބޭނެކަމަށް ބެލެވުނު ނަމަވެސް، އަހަރު ނިމުނުއިރު ލިބިފައިވަނީ 415.2 މިލިއަން ރުފިޔާއެވެ. އަންދާޒާތަކަށް ވުރެ ހިލޭ އެހީގެ ގޮތުގައި ލިބުނު އާމްދަނީ ދަށްވި ނަމަވެސް، ޓެކްސް އަދި ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ލިބިފައިވާ މިންވަރު ވަނީ ބަޖެޓުގެ އަންދާޒާތަކަށް ވުރެ 5.5 ޕަސެންޓް ނުވަތަ 2.0 ބިލިއަން ރުފިޔާ އިތުރަށް ލިބިފައެވެ.

ޓެކުހުގެ އާމްދަނީގެ ގޮތުގައި ޖުމްލަ 29.2 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ ކުރީ އަހަރު ލިބުނު 26.4 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 10.6 ޕަސެންޓް އިތުރު އަދަދެކެވެ. މީގެ ތެރެއިން ފަތުރުވެރިކަމުގެ ދާއިރާގެ މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް، ޓީޖީއެސްޓީގެ ގޮތުގައި 11.0 ބިލިއަން ރުފިޔާ ލިބިފައި ވެއެވެ. މިއީ ކުރީ އަހަރު ލިބުނު 9.5 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 15.2 ޕަސެންޓްގެ ކުރިއެރުމެކެވެ. ޓެކްސް ނޫން ގޮތްގޮތުން ލިބުނު އާމްދަނީ 10.0 ބިލިއަން ރުފިޔާއަށް އިތުރުވެފައިވާއިރު، މިއީ ކުރީ އަހަރުގެ 8.1 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 24.0 ޕަސެންޓްގެ ކުރިއެރުމެކެވެ. އަދި ފާސްކުރި މިންވަރަށްވުރެ 2.0 ބިލިއަން ރުފިޔާގެ އިތުރުވުމެކެވެ.

މިިދިޔަ އަހަރު ނިމުނު އިރު ދައުލަތުގެ ޖުމްލަ ހަރަދު ހުރީ 43.1 ބިލިއަން ރުފިޔާގައެވެ. މިއީ 2024 ވަނަ އަހަރުގެ 48.2 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 10.6 ޕަސެންޓްގެ ދަށްވުމެކެވެ. ދައުލަތުގެ މުވައްޒަފުންގެ މުސާރަ އެއްހަމަ ކުރުން ފަދަ ސިޔާސަތުތައް މިދިޔަ އަހަރު ތަންފީޒުކުރުން ފަދަ ކަންކަމުގެ ސަބަބުން ރިކަރަންޓް ހަރަދުތައް އިތުރުވެ، 36.3 ބިލިއަން ރުފިޔާއަށް ވަނީ އަރާފައެވެ. މިއީ ކުރީގެ 34.9 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 4.1 ޕަސެންޓްގެ އިތުރުވުމެކެވެ. މި އިތުރުވުމުގެ މައިގަނޑު ސަބަބެއް ކަމުގައި ފިނޭނސް މިނިސްޓްރީން ބުނީ، މުސާރައަށް އައިސްފައިވާ ބަދަލާއެކު މުވައްޒަފުންނަށް ކުރާ ހަރަދުތައް އިތުރުވެފައިވުން ކަމަށެވެ.

ހަމައެއާއެކު ކެޕިޓަލް ހަރަދުގެ ގޮތުގައި ހިނގާފައި ވަނީ 6.8 ބިލިއަން ރުފިޔާއެވެ. މިއީ އޭގެ ކުރީ އަހަރުގެ 13.3 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 48.8 ޕަސެންޓްގެ ދަށްވުމެކެވެ. ފިނޭންސް އިން އާންމު ކުރި ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ކެޕިޓަލް ހަރަދުތައް އިތުރުވެފައި ވަނީ މަގުތަކާއި، ބުރިޖު އަދި އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއުތަކަށް ކުރި ހަރަދުތަކުގެ ސަބަބުންނެވެ.

2024 ވަނަ އަހަރުގެ ނިޔަލަށް ދައުލަތުގެ ބަޖެޓުގެ އޯވަރޯލް ޑެފިސިޓް ހުރީ 13.1 ބިލިއަން ރުފިޔާގެ ޑެފިސިޓެއްގައެވެ. 2025 ވަނަ އަހަރުގެ ނިޔަލަށް މި އަދަދު ވަނީ 3.5 ބިލިއަން ރުފިޔާއަށް ކުޑަކުރެވިފައެވެ. މިއީ ދައުލަތުގެ ހަރަދުތައް ކޮންޓްރޯލްކުރުމާއެކު އާމްދަނީގެ ސިޔާސަތުތަކަށް ގެނެސްފައިވާ ބަދަލުގެ ހެޔޮ ނަތީޖާއެވެ.

އިންވެސްޓަރުން ދައުލަތުގެ މާލީ ދެމެހެއްޓެނިވިކަން ވަޒަން ކުރުމުގައި ބަލާ މުހިންމު މިންގަނޑެއް ކަމަށްވާ ޕްރައިމަރީ ބެލެންސް ވަނީ ވަރަށް ބޮޑަށް ރަނގަޅުވެފައެވެ. އެގޮތުން 2024 ވަނަ އަހަރު 8.4 ބިލިއަން ރުފިޔާއިން ޑެފިސިޓްވި ޕްރައިމަރީ ބެލެންސް، 2025 ވަނަ އަހަރު ނިމުނުއިރު ހުރީ 1.2 ބިލިއަން ރުފިޔާގެ ސާޕްލަސްއެއްގައެވެ. މިއީ ފަހުގެ ތާރީހެއްގައި ފުރަތަމަ ފަހަރަށް ޕްރައިމަރީ ސާޕްލަސް އެއްގައި މާލީ އަހަރެއް ނިންމާލެވުނު ފުރަތަމަ ފަހަރެވެ.