މާލޭގެ ރައްޔިތުންގެ ހިތްތައް ފަތަހަ ކުރާނީ ލޯތްބާއި ކުލުނާއި އޯގާތެރިކަމާއެކު ކަމަށާއި ރައްޔިތުންގެ ބޭނުންތައް ސަރުކާރާ ގުޅިގެން ފުއްދައި ދެއްވާނެ ކަމަށް ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭގެ މޭޔަރު ކަަމަށް ޕީއެންސީ ޓިކެޓްގައި ވާދަކުރައްވާ ރިޓަޔާޑް މޫސާ އަލީ ޖަލީލް ވިދާޅުވެއްޖެއެވެ.

ޕީއެންސީން މާލޭގެ މޭޔަރު ކަމަށް ވާދަކުރާ ކެންޑިޑޭޓްގެ ކެމްޕެއިން އޮފީސް ހުޅުވުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަަކަ ދައްކަވަމުން މޫސާ ޖަލީލް ވިދާޅުވީ، ރާއްޖޭގެ ވެރިކަން ކުރާ ރަށް، މާލެ ސިޓީގެ މޭޔަރުގެ މަގާމަށް ވެރިކަން ކުރާ ޕާޓީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓަށް ވުމަކީ ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ. މި ޝަރަފް ދެއްވީތީ ޕާޓީގެ ލީޑަރު އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަށާއި ޕާޓީގެ ލިޑާޝިޕާއި މެންބަރުންނަށް ހާއްސަ ޝުކުރެއް މޫސާ އަލީ ޖަލީލް ވަނީ އަދާ ކުރައްވާފައެވެ.

"އިރާދަކުރެއްވިއްޔާ އަޅުގަނޑަށް ތި ކުރެއްވި އިތުބާރު އަބަދުވެސް ދަމަހައްޓާނަން. މި ޕާޓީ ފަހުރުވެރިވާނެ އަދި ދިވެހި ރައްޔިތުން ބަލައިގަންނާނެ މުހިއްމު ހިދުމަތްތަކެއް މާލެ ސިޓީގެ މޭޔަރު ކަމުގައި ކޮށް ދިނުމަކީ މާތް ﷲ ހަޒްރަތުން ވާގި އެދި ހުރެ މިރޭ އަޅުގަނޑު ކަނޑައަޅާ އެންމެ ވަރުގަދަ އަޒުމް."
މޫސާ އަލީ ޖަލީލް

ފުރަ މާލެ އަކީ ރާއްޖޭގެ ވެރިކަން ކުރާތާ އެތައް ސަތޭކަ އަހަރެއް ވެފައިވާ ސަހަރު ކަމަށާއި ތާރީހީ ފަތްފުއްތަކުން މި ސިޓީ ބެލެހެއްޓޫމުގެ ކަންކަން ބަދަލުވަމުން އައިސްފައިވާ ކަމަށް މޫސާ ޖަލީލް ވިދާޅުވިއެވެ. އެގޮތުން މާލެ ސިޓީގައި މޭޔަރު ހޮވައިގެން ސިޓީ ކައުންސިލް ހިންގަން ފެށީ 2011 ގައި ކަމަށާއި ނަމަވެސް ރައްޔިތުން އެދޭ ގޮތަށް މާލެ ސިޓީ ކައުންސިލް ހިންގަން ފެށީ 2021 ވަނަ އަހަރުގައި ކަމަށް އޭނާ ވިދާޅުވިއެވެ. އެއީ މިހާތަނަށް އެންމެ ގިނަ ވޮޓާއެކު އިންތިހާބުވި މާލޭގެ މޭޔަރު ކަމުގެ ދުވަސްވަރު ކަމަށާއި އެއީ ރައީސް މުއިއްޒު މޭޔަރު ކަމުގައި ހުންނެވި ދުވަސްވަރު ކަމަށް މޫސާ ޖަލީލް ވިދާޅުވިއެވެ.

އެމަނިކުފާނުގެ މޭޔަރު ކަމުގެ ދުވަސްވަރު ކުރު ކަމުގައި ވީ ނަމަވެސް އެ ދުވަސްވަރު ރައީސް މުއިއްޒު ރައްޔިތުންގެ ގޭގެއަށް ޒިޔާރަތްކޮށް ރައްޔިތުން އަޑު އެއްސެވި ކަމަށް އޭނާ ވިދާޅުވިއެވެ. ހަމައެއާއެކު މާލެ ސިޓީގައި ހައްލު ނުވެ އެތައް ޒަމާންތަކެއް ވެފައިވާ މައްސަލަަތއް ވެސް ރައީސް މުއިއްޒު ހައްލުކޯށް ދެއްވުމަށް މަސައްކަތް ކުރެއްވި ކަން މޫސާ ޖަލީލް ފާހަގަކުރެއްވިއެވެ. އެގޮތުން މޭޔަރު ކަމަށް ކުރިމަތިލައްވައި ކުރިއަށް ވަޑައިގަންނަވާނީ ރައްޔިތުންގެ ލޯބި ލިބިފައިވާ ރައީސް މުއިއްޒުގެ ފިޔަވަޅު މަތިން ކަމަށް އޭނާ ވިދާޅުވިއެވެ. ހަމައެއާއެކު މޭޔަރު ކަމުގައި ކުރިއަށް ވަޑައިގަންނަވާނީ އެމަނިކުފާނުގެ ހިތްވަރާއި ނަމޫނާ އަށް ބަލައި އެއީ އިން ފާހަގައެއް ގޮތުގައި ބަލައިގެން ކަމަށް އޭނާ ވިދާޅުވިއެވެ.

މާލޭގެ މޭޔަރު ކަމަށް ވާދަކުރާ ޕީއެންސީގެ ކެންޑިޑޭޓް މޫސާ އަލީ ޖަލީލްގެ ކެމްޕެއިން އޮފީސް ހުޅުވުން

ތޮއްޖެހިފައިވާ މާލެ ސީޓީގެ ރައްޔިތުން ބޭނުންވާ ބަދަލާއި ބޭނުންތައް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަން ފާހަގަކުރައްވަމުން މޫސާ ޖަލީލް ވިދާޅުވީ، ރައީސް މުއިއްޒު މާލޭގެ ހުރިހާ އަވައްތަކެއްގެ ރައްޔިތުންނާ ބައްދަލުކުރެއްވުމުން އެކަން ފެނިވަޑައިގެން ކަމަށެވެ. އެ ބައްދަލުވުންތަކުގައި ރައްޔިތުންގެ ޝަކުވާތައް އަޑުއަހަން އިންނެވި އިރު، ރިޓަޔާވެފައި ހުރި މީހަކު ދެންވީ ގެއަށް ވަދެވަޑައިގެން ފިއްލަވަންތޯ މިއީ ހިތުގައި އުފެދުނު ސުވާލެއް ކަަމަށް އޭނާ ވިދާޅުވިއެވެ. މާލެ ސިޓީގެ ރައްޔިތުންނަށް ހިދުމަތް ކޮށް ދިނުމަށް އެންމެ ބޮޑު ޝައުގެއް އުފެދިގެން ދިޔައީ މިހިސާބުން ކަމަށް ވެސް މޫސާ ޖަލީލް ވިދާޅުވިއެވެ.

ގައުމަށް ހިދުމަތްކޮށް ދިނުމުގައި ދެމި ހުންނެވި ދުވަސްވަރު އޭނާ އަކީ ގައުމު ގޮވާލި ކޮންމެ ކަމެއް ކުރުމަށް ފަސްޖެހިވަޑައި ނުގަންނަވާ ނިކުންނެވި މީހެއް ކަމަށް މޫސާ ޖަލީލް ވިދާޅުވިއެވެ. ދިވެހި އަސްކަރިއްޔާގައި ގިނަ ދުވަހު ހިދުމަތް ކުރެއްވި އިރު އެ ހިދުމަތުގެ އެންމެ މަތީ މަގާމު ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ޑިފެންސް މިނިސްޓަރުގެ މަގާމު ވެސް އަދާކުރެއްވި މޫސާ ވިދާޅުވީ، ހިދުމަތުގެ އެ ދުވަސްވަރު ވެސް ރައްޔިތުންގެ ލާބަ އާއި މަންފާ އޮތް މަގު އަބަދުވެސް އިހްތިޔާރު ކުރެއްވި ކަަމަށެވެ. އެގޮތުން މާލޭގެ މޭޔަރުގެ މަގާމަށް ވެސް ނިކުންނަވަނީ އެ ރޫހުގައި އެ އަޒުމްގައި ކަަމަށް އޭނާ ވިދާޅުވިއެވެ.

މާލޭގެ ރައްޔިތުންގެ ހިތްތައް ފަތަހަ ކުރާނީ ލޯތްބާއި ކުލުނާއި އޯގާތެރިކަމުގެ މަގުން ކަމަށް މޫސާ ޖަލީލް ވިދާޅުވިއެވެ. ހަމައެއާއެކު ރައްޔިތުންގެ ބޭނުންތައް ފުއްދައި ދިނުމަށް ސަރުކާރާ ގުޅިގެން މަސައްކަތް ކުރައްވާނެ ކަމަށާއި ބޯހިޔާވަހިކަމުގެ ހައްގު ހޯދައި ދިނުމަށް ކުރާ މަސައްކަތުގައި ވެސް ސައްތައިން ސައްތައަށް އެއްބާރުލުން ދެއްވާނެ ކަަމަށް ވެސް ވިދާޅުވިއެވެ. އަދި މި ސިޓީއަކީ ސާފުތާހިރު ފެހިފަހި އަމާން ސިޓިއަކަށް ހައްދަވައި ދެއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.