އަންނަ އޭޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ކުރިމަތިލާން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހުޅުވާލައިފިއެވެ.

އީސީ އިން ބުނީ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން އަންނަ މަހުގެ 1 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާކަމަށާއި، ފޯމު ހުށަހަޅަން ޖެހެނީ އޮންލައިންކޮށް އީސީގެ ޕޯޓަލް މެދުވެރިކޮށް ކަމަށެވެ.

އީސީ އިން ބުނީ ފޯމު ހުށަހެޅޭނީ ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން މެންދުރު ފަހު 3:30 އަށް ކަމަށާއި، އަދި ހުކުރު ދުވަސް ދުވަހުގެ މެންދުރު ފަހު 3:30 އިން ހަވީރު 6:00 އަށް ކަމަށެވެ. މީގެއިތުރުން ފޯމު ހުށަހެޅުމުން ކެންޑިޑެސީ އާމެދު ނިންމާ ގޮތް ވެސް އަންގާނީ ޕޯޓަލް މެދުވެރިކޮށްކަމަށް އީސީ އިން ވަނީ ބުނެފައެވެ.

ފާހަގަކުރެވޭ ގޮތުގައި އީސީ އިން އާންމުކޮށްފައިވާ ލިސްޓުގައި ވާގޮތުން މި އަހަރުގެ ކައުންސިލް އިންތިޚާބުގައި ޖުމުލަ 294،937 މީހުންނަށް ވޯޓުލެވެއެވެ. އެއީ ހިމެނެނީ 150،410 ފިރިހެނުންނާއި 144،527 އަންހެނުންނެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ޖުމްލަ 621 ވޯޓު ފޮށި ބަހައްޓަން ނިންމާފައިވާއިރު، އަތޮޅު ތެރޭގައި 321 ވޯޓު ފޮށި ބަހައްޓާނެއެވެ. އަދި މާލޭގައި ދިރިއުޅޭ އަތޮޅުތަކުގެ ރައްޔިތުންނާއި، ކުޅުދުއްފުށި ސިޓީ، ފުވައްމުލައް ސިޓީ، ތިނަދޫ ސިޓީ އަދި އައްޑޫ ސިޓީގެ ރައްޔިތުން ވޯޓުލުމަށްޓަކައި މާލެ، ހުޅުމާލެ އަދި ވިލިމާލެގައި 240 ވޯޓު ފޮށި ބެހައްޓާނެއެވެ.

މީގެ އިތުރުން ސިނާއީ މަސައްކަތްކުރާ ތަންތަނުގައި 3 ފޮށި، ޖަލުތަކުގައި 5 ވޯޓުފޮށި، ރިސޯޓްތަކުގައި 50 ވޯޓު ފޮށި ބަހައްޓާނެއެވެ. މި އިންތިހާބުގައި ޖުމްލަ 225 ދާއިރާއަކުން، ލޯކަލް ކައުންސިލްތަކުގެ މެންބަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން އިންތިހާބު ކުރެވޭނެއެވެ.